ޑިމޮކްރެޓްސް ހިމެނޭހެން، ތިން ސިޔާސީ ޕާޓީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން -- ފޮޓޯ/ ޑިމޮކްރެޓްސް

ހުށަހަޅަންޖެހޭ ތާރީޚަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ތިން ސިޔާސީ ޕާޓީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީސީން ކުރި ޓްވީޓެއްގައި ވަނީ، އެ ޕާޓީތައް ޖޫރިމަނާކޮށްފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 44ވަނަ މާއްދާގެ (ށ)އާ ހަވާލާދީ ކަމަށެވެ.

އެގޮތުން ޖޫރިމަނާކޮށްފައިވާ ޕާޓީތަކަކީ:

  • ދަ ޑިމޮކްރެޓްސް
  • މޯލްޑިވްސް ނެޝަނަލް ޕާޓީ
  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ، ޖޫރިމަނާ ދައްކާ ޚަލާސްކުރަން ވަކި މުއްދަތެއް އެ ޕާޓީތަކަށް ދީފައި ނުވާކަމަށެވެ.

"އާންމުކޮށް އެހެން ޖޫރިމަނާކުރާ ޕާޓީތަކުން އަހަރެއްތެރޭ އެ ފައިސާ ދައްކާނެ،" އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އީސީއެވެ. ގާނޫނުގައި ވާގޮތުން، ކޮންމެ އަހަރެއް ނިމި، 90 ދުވަހުގެ ތެރޭގައި އޮޑިޓަރަކު މެދުވެރިކޮށް ޕާޓީތައް އޮޑިޓްކުރުމަށްފަހު އޮޑިޓާ ޖެނެރަލްގެ އޮފީހަށް އެ އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ.

ރިޕޯޓު ހުށަނާޅާ ސިޔާސީ ޕާޓީތައް 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އީސީއަށް ލިބިގެން ވެއެވެ.

comment ކޮމެންޓް