އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ނުދައްކާ 351 މިލިއަން ރުފިޔާ އެބައޮތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން އާއްމުކުރި އެމްއޭސީއެލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން ނަމަ އެކި ކުންފުނިތަކުން އެމްއޭސީއެލަށް 776,095,937 ރުފިޔާ ދައްކަންޖެހެއެވެ.
އޭގެ ތެރެއިން އެމްއޭސީއެލަށް އެއް ފަރާތަކުން ނުލިބި ގިނަ ދުވަސް ވެފައިވާ އެންމެ ބޮޑު އަދަދު ދައްކަން ޖެހެނީ އައިލެންޑް އޭވިއޭޝަނުންނެވެ.
އެގޮތުން 2022ވަނަ އަހަރާ ހަމައަށް 351،605،122 ރުފިޔާ އެ ކުންފުނިން އެމްއޭސީއެލަށް ދައްކަންޖެހެއެވެ.
އެއީ އެމްއޭސީއެލަށް ކުންފުނިތަކުން ދައްކަންޖެހޭ ޖުމްލަ އަދަދުގެ 45 އިންސައްތައެވެ.
އެމްއޭސީއެލަށް އެކި ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދުތައް:
- އައިލެންޑް އޭވިއޭޝަން: 351,605,122ރ
- ހުޅުލޭ އައިލެންޑް ހޮޓެލް: 28,356,783ރ
- ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ): 4,598,996ރ
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް: 2,765,502ރ
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު: 2,557,305ރ
- އެހެނިހެން ކުންފުނިތަކުން: 386,212,229ރ
އައިލެންޑް އޭވިއޭޝަނުން ނުދައްކާ ހުރި ފައިސާއަކީ 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ނުލިބި ގިނަ ދުވަސްވެފައިވާ ފައިސާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
އެ ދެމެދުގައި އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ 2021ވަނަ އަހަރުއެވެ. އެއީ 248 މިލިއަން ރުފިޔާގެ ދަރަންޏެވެ.
އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން ނަމަ ނުލިބި ގިނަ ދުވަސް ވެފައިވާ ފައިސާގެ ތެރެއިން 52 އިންސައްތައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ދަރަންޏެވެ.