އަކްޝޭއަށް އެންމެ އުނދަގޫ ފިލްމަކީ 'ގަރަމް މާސާލާ'

ފިލްމު އިންޑަސްޓްރީގައި ހޭދަކުރި ދިގު މުއްދަތުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމަކީ "ގަރަމް މާސާލާ" ކަމަށް އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.

މި ހަފުތާގައި ރިލީޒްކުރާ އަކްޝޭގެ ފިލްމު "ސަރުފީރާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން އަކްޝޭ ބުނެފައިވަނީ، ފިލްމު "ގަރަމް މަސާލާ"ގެ މަންޒަރުތައް ނަގަމުން ދިޔައިރު ބައެއް ފަހަރު އިހުސާސްކުރެވުނީ ސްޓޭޖެއްގެ ޕްލޭ ޑްރާމާއެއްގައި އުޅެވޭކަމުގެ އިހުސާސް ކަމަށެވެ.

ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމު "ގަރަމް މާސާލާ"ގައި އަކްޝޭ ކުޅެފައިވަނީ އެއް ފަހަރާ ހަތަރު އަންހެނުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއްގެ ރޯލެވެ. އެ ހަތަރު އަންހެނުން ވެސް ދިރިއުޅެމުންދިޔައީ އެއް ގެއެއްގައި ކަމުން އިރުއިރުކޮޅާ މޫނު މައްޗަށް ގެންނަ އިހުސާސްތައް ބަދަލުކުރަން ޖެހުނު ކަމަށާއި ހަގީގަތުގައި ވެސް އެއީ ކެރިއަރުގެ އެންމެ އުނދަގޫ ރޯލް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

ފިލްމު "ގަރަމް މާސާލާ"ގެ މަންޒަރެއްގައި އަކްޝޭ އަދި ޖޯން އަބްރަހަމް--ފޮޓޯ/ކޮއިމޮއި

ގާތްގަޑަކަށް 10 މިނެޓް ކޮންމެ މަންޒަރަކަށް ހޭދަވި ކަމަށާއި ފިލްމުތަކުގައި އަކްޝޭ ކުޅޭ ނެށުމުގެ މަންޒަރާއި އެކްޝަން މަންޒަރުތައް އެއަށްވުރެ މާ ފަސޭހަކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ.

އަކްޝޭގެ އިތުރުން ޖޯން އަބްރަހަމް، ޕަރުވޭޝް ރާވަލް، ރާޖްޕަލް ޔާދަވް، ނެހާ ދޫޕިއާ އަދި ރިމީ ސެން މުހިއްމު ރޯލުތަކެއް ކުޅުނު "ގަރަމް މާސާލާ"އަކީ ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދިން ފިލްމެކެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ 2005ވަނަ އަހަރެވެ.

މި ފިލްމަށް ފަހު އަކްޝޭއަށް ހެއްވާ މަޖާ ގިނަ ރޯލްތައް ކުޅުމުގެ މަގުފަހިވެ، ފަހުން އަކްޝޭ ކުޅުނު އެފަދަ ގިނަ ފިލްމުތަކަކީ އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތަކެކެވެ.

comment ކޮމެންޓް