ބިދޭސީންގެ އެކޮމޮޑޭޝަން އަޅަން މެލޭޝިޔާ ކުންފުންޏަކަށް: ފައްޔާޒު ވިދާޅުވީ މިކަން ވަގުތުން ހުއްޓަންޖެހޭ ކަމަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ އެކޮމޮޑޭޝަން ތަރައްގީކުރަން ބޭރުގެ ކުންޏަކަށް ހަވާލު ކުރުމުގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހުން ބައިތިއްބަން އެކޮމޮޑޭޝަނެއް ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ސަރުކާރުން ހަވާލުކުރުމުގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބައިތިއްބާނެ އެކޮމޮޑޭޝަން ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއު، ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީންވަނީ ފަށައިފައެވެ. މި މަސައްކަތް ހަވާލުކުރަނީ މެލޭޝިޔާގެ އަލްޓައިޒް ޑިޖިޓަލް ކިޔާ ކުންފުންޏަކާއެވެ. އަލްޓައިޒް ޑިޖިޓަލްއަކީ ޖީ3 ގްލޯބަލް ބެރްހާދު (ޖީ3)ގެ ސަބްސިޑަރީއެކެވެ.

އެ ގައުމުގެ ނޫސްތަކުން ބުނެފައިވަނީ އަލްޓައިޒް ޑިޖިޓަލާ ހަވާލުކުރީ ރާއްޖޭގައި ނޭޝަނަލް އިންޓަގްރޭޓެޑް މައިގްރެންޓް ވޯކާ ޑޯމިޓްރީއެއް ތަރައްގީ ކުރުމަށް ކަމަށެވެ.

އެ ގޮތުން އަލްޓައިޒް ޑިޖިޓަލްއަށް މަޝްރޫއު އެވޯޑުކޮށް މިދިޔަ ބުދަ ދުވަހު ހޯމް މިނިސްޓްރީން ސިޓީ ފޮނުވި ކަމަށެވެ. މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އެކޮމޮޑޭޝަނާއި އެ މީހުންގެ ކަންކަން ބެލެހެއްޓުން ކަމަށް އެ ނޫސްތަކުގައިވެއެވެ.

އެ ގައުމުގެ ނޫސްތަކުގައިވަނީ މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލް" އަކަށް ކަމަށެވެ. އެ ގޮތުން މި މަޝްރޫއިން ލިބޭ އާމްދަނީ، ދިވެހިސަރުކާރާއި ޖީ3 އާ ދެމެދު ބަހާލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

މި މަސައްކަތް ދެނީ ބިން ދޫކުރާ ތާރީޚުން ފެށިގެން 30 އަހަރު ދުވަހަށެވެ. އަދި އެ މުއްދަތު ނިމުމާ އެކު، އޮޓަމެޓިކުން އިތުރު 30 އަހަރު އެތަންތަން ހިންގޭނެއެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ބިދޭސީން ބެއިތިއްބުމުގެ ޚިދުމަތްދޭނީ ހަމަ އެކަނި އެލްޓައިޒް ޑިޖިޓަލްއިންނެވެ.

މި ކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ ބިދޭސީން މަސައްކަތްތެރިން ގެންގުޅޭ މީހުންނަށް މި ފެސިލިޓީތައް ބޭނުންކުރުން ލާޒިމު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާޒިމު ޝަރުތެއް ނެތި ބޭރުގެ ކުންފުނިތަކަށް މި ފަދަ މަޝްރޫއުތައް ހަވާލުކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ އެސްއޯއީއެއް މެދުވެރިކޮށް ވެސް މި މަޝްރޫއު ހިންގެން އޮއްވައި، އެ ކަން ނުކުރީތީ އޭނާވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ އެޗްޑީސީއާ މީގެ ކުރިން ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ. ފައްޔާޒު ވިދާޅުވީ މިއީ ބޮޑެތި ގެއްލުންތަކެއްވާ ގޮތަށް އޮތް މަޝްރޫއެއް ކަމަށާއި، އަންނަ ސަރުކާރަކަށް މި މަޝްރޫއު އުވާލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ސަރުކާރުން މި ކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، އަދި މިއީ ކުރިޔަށްދާ މަޝްރޫއެއް ނަމަ، މި މަޝްރޫއު ވަގުތުން ސަސްޕެންޑްކޮށް، އިތުރު ވިސްނުމަކަށް ދާންޖެހޭ ކަމަށް އޭނާ ވިދަޅުވިއެވެ.

މެލޭޝިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފުރަތަމަ އަހަރު މި ފެސިލިޓީތަކުން ކޮންމެ ބިދޭސީ މަސައްކަތްތެރިއަކަށް މަހަކު 100 އެމެރިކާ ޑޮލަރުގެ ފީއެއް ނަގާނެެއެވެ. އެއް އަހަރަށް ފަހު، ކޮންމެ ބިދޭސީއަކަށް މަހަކު 120 ޑޮލަރުގެ ފީއެއް ނަގާއިރު، އޭގެ ތެރެއިން ދިވެހި ސަރުކާރަށް ލިބޭނީ ފަސް ޑޮލަރު ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ޝަރުތުތަކާއި ގަވާއިދުތައް ކަނޑައެޅޭނީ ކޮންސެޝަން އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ކަމަށް ޖީ3 ގްލޯބަލްއާއި ހަވާލާދީ މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

އަލްޓައިޒްގެ މައިގަނޑު މަސައްކަތަކީ ފަހުގެ ޓެކްނޮލޮޖީގެ ތެރެއިން ޓެލެކޮމިއުނޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް