އޮލްމޯ ދިން ޔަގީންކަމަކީ ސްޕެއިން ސަޕޯޓަރުން މާޔޫސްކޮށް ނުލާނެކަން

ޔޫރޯ 2024 ގެ ފައިނަލުގައި އިންގްލެންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ސްޕެއިންގެ އަސްލު ސްޓައިލުގައި ކުޅެފިނަމަ މޮޅުވެވޭނެ ކަމަށާއި ސަޕޯޓަރުން މާޔޫސްކޮށް ނުލާނެކަމުގެ ޔަގީންކަން ސްޕެއިންގެ އުއްމީދީ ތަރި ޑެނީ އޮލްމޯ ބުނެފިއެވެ.

މުބާރާތުގެ ފައިނަލަށް ސްޕެއިން ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އޮލްމޯ ބުނީ ފައިނަލް މެޗަށް ނިކުންނާނީ ކުރިއެކޭ މާބޮޑު ތަފާތެއްނެތި ކަމަށެވެ.

ޖަރުމަނުގެ ލީގުގައި އާރްބީ ލީޕްޒިގަށް ކުޅެމުން އަންނަ އޯލްމޯ ވަނީ ކުއާޓާ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ ލަނޑެއްޖަހައި އިތުރު ގޯލެއްޖެހުމަށް އެހީތެރިވެދީ ސްޕެއިނުން މުބާރާތުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ސެމީ ފައިނަލުގައި ފްރާންސް ކޮޅަށް ސްޕެއިން މޮޅުވި ލަނޑު ވައްދާލީވެސް އޯލްމޯ އެވެ.

މިފަހަރުގެ ފައިނަލްގައި ވާދަކުރަނީ އެންމެ މޮޅު ދެ ޓީމު ކަމަށާއި، ސްޕެއިނުން ސަމާލުކަން ދޭނީ އެ ޓީމުގެ އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށް އުމުރުން 26 އަހަރުގެ އޮލްމޯ ބުންޏެވެ. އަދި ސްޕެއިނުން މިހާރު ކުޅެމުން އަންނަ އެޓޭކިން ސްޓައިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޯލްމޯގެ ވާހަކައިގައި ފާހަގަކުރިއެވެ.

ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިން އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާރޭ 00:00 ގައެވެ.

comment ކޮމެންޓް