ޔޫރޯ 2024 ގެ ފައިނަލުގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބާ އެކު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިކޯޑު އަދަދެއް ކަމަށްވާ ހަތަރު ފަހަރު ސްޕެއިނުން ހޯދައިފިއެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލު މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު 1966 ގެ ވޯލްޑް ކަޕު ތައްޓަށްފަހު އިންގްލެންޑުން ބޮޑު މުބާރާތެއް ކާމިޔާބުކުރަން ކުރާ މަސައްކަތަށް އަނެއްކާ ވެސް އެޅުނު ހުރަހަކަށެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގެ ފައިނަލުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެއީ އިޓަލީ އަތުންނެވެ.
ސްޕެއިނުގެ ރަން ޖީލުގެ ގޮތުގައި ފާހަގަކުރާ މި ސްކޮޑަކީ މުބާރާތުގެ އެއް ފެވަރިޓެވެ. އެ މޮޅު ކުޅުން މި މެޗުގައި އެ ޓީމުން ވަނީ ވަރަށް ރަނގަޅަށް ދައްކާލާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ޚާއްސަކޮށް ހާފުގެ ފަހުކޮޅު އިންގްލެންޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ގޮތުން، ޖޫޑް ބެލިންހަމް ދިން ބޯޅައިން ހެރީ ކޭން ފޮނުވާލި ހަމަލާ ރޮޑްރީ ވަރުގަދައަށް ޖައްސާ ބްލޮކްކުރި އިރު، ހާފު ނިމެން ދަނިކޮށް ފިލް ފޮޑެން ޖެހި ބޯޅަ ކީޕަރު އުނައި ސިމޮން މަތަކުރިއެވެ.
ދެވަނަ ހާފުގައި ސްޕެއިން އެ ޓީމުގެ ކުޅުން މަޑުމަޑުން ދައްކަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސްޕެއިން ލީޑު ނެގިއެވެ. މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނިކޯ ވިލިއަމްސް އެވެ. މިއީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ލަމީން ޔަމާލް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށް ފަހު ވެސް ސްޕެއިނުން ވަނީ ނުރައްކާކޮށްފައެވެ. ފުރަތަމަ ލަނޑު ޖެހިތާ އިރުކޮޅެއްފަހުން ޑެނީ އޮލްމޯ ޖެހި ބޯޅަ ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި އޮލްމޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑަށް މަތަކުރެވުނީ ކިރިޔާއެވެ.
ސްޕެއިނުން ވަރުގަދަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް މެޗުގެ 73 ވަނަ މިނެޓުގައި އިންގްލެންޑުން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ބަދަލަކަށް ކުޅެން އެރި ކޯލް ޕާމާ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި ބާރު ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް އިންގްލެންޑަށް މާގިނައިރަކު މި ނަތީޖާގައި ކެތެއްނުވި އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ މުބާރާތް ކާމިޔާބުކުރި ލަނޑު ޖަހާފައެވެ. މިއީ މާކް ކުކުރެއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިކެލް އޮޔާޒަބަލް ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިނުގެ ރޮޑްެރިގޯ އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ލަމީން ޔަމާލެވެ.