ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ

އެމްއެންޑީއެފްގެ އުޅަނދެއް ކަނޑުމަތީގައި-- ފޮޓޯ/ އެމްއެންޑީއެފް

ކުރިއަށް އޮތް 24 ގަޑިއިރުު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެގޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ބައެއް ރައްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށެވެ. އަދި ދެކުނުގެ ސަރަހައްދަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑަކު ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެ ގޮތުން ރާޅުގެ އުސްމިނުގައި ދެ ފޫޓު ފަސް ފޫޓު ހުންނާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

ޖޫން، ޖުލައިއަކީ އާންމުކޮށް ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ.

comment ކޮމެންޓް