މޫސުން ގޯސްވެ, މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު އަދި، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެ އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދުގެ 8:00 އިން ފެށިގެން 13:00 އަށެވެ. ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ ސަމާލެއް ނެރެފައެވެ. އެއީ، މިއަދު 11:00 އިން ފެށިގެން 15:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑީރު ރާޢްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އަދި، ހުޅަނގު ދެކުނާއި ހުޅަނގާއި އުތުރާއި މެދުރާޢްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފަކޮށްފައެވެ. އެ އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރދުމިނަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައެވެ.
ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުތަކުގައި ފަސް ފޫޓާއި އަށް ފޫޓުގެ އުސްމިން ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްކޮށް އުޅޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.