އިސްރާއީލުގެ އަސްކަރީ ނިޒާމުތަކަށް މިހާތަނަށް 3 ބިލިއަން ފަހަރު ސައިބާ އެޓޭކްދީފި

އިސްރާއީލުގެ އަސްކަރިއްޔާގެ މުވައްޒަފަކު ކޮމްޕިއުޓަރަކުން މަސައްކަތް ކުރަނީ. އިސްރާއީލު އަސްކަރިއްޔާގެ ސިސްޓަމްތަކަށް 3 ބިލިއަން ސައިބާ އޭޓޭކް ވަނީ ދީފައި. ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

އިސްރާއީލުގެ އަސްކަރީ ކޮމްޕިއުޓަރު ސިސްޓަމްތަކަށް އަމާޒުކޮށްގެން އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ތިން ބިލިއަން ސައިބާ އެޓޭކް ދީފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އަސްކަރިއްޔާގެ ސެންޓާ އޮފް ކޮމްޕިއުޓާސް އެންޑް އިންފޮމޭޝަން ސިސްޓަމްސް ޔުނިޓްގެ ކޮމާންޑަރު ރަޗެލީ ޑެމްބިންސްކީ އިސްރާއީލުގެ ދުވަހު ނޫސް ހާރެޓްޒް އަށް ވިދާޅުވީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް)ގެ ކޮމްޕިއުޓާ ސިސްޓަމްތަކަށް ސައިބާ ހަމަލާދޭން އުޅުނު މީހުންގެ އަދަދު ތިން ބިލިއަނަށް އަރައިފައިވާ ކަމަށެވެ.

އެ ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރިއްޔާގެ މައިގަނޑު އޮޕަރޭޝަނަލް ކްލައުޑް ކޮމްޕިއުޓިން ސިސްޓަމްތަކަށް ކަމަށާއި އޭގެ ތެރޭގައި ސިފައިން ހަނގުރާމަ މެނޭޖްކުރުމާއި ސިފައިން ހޯދުމާއި ރިއަލް ޓައިމް މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ ސޮފްޓްވެއާތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަމަލާތަކެއް ކަމެއް ޑެމްބިންސްކީ ވިދާޅެއްނުވެއެވެ.

އަދި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާ ހަނގުރާމަ ފެށިފަހުން ސިފައިންގެ އެލާޓް ސިސްޓަމް މައްސަލަ ޖެހިފައިވާކަން ޔަގީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ގޮންޖަހައި އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އެ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެ ހަމަލާތަކަށް ނުވަ މަސް ދުވަސްވެފައިވާއިރު، މިހާތަނަށް ފަލަސްތީނުގެ 38،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 88،300 އަށް އުފުލިފައެވެ.

comment ކޮމެންޓް