އެވޯޑު ހަފުލާތަކަށް ދާން އެއްވެސް އިރަކު ޝައުުގުވެރިކަމެއް ނުހުރޭ: އިމްރާނު ހާޝްމީ

ފިލްމީ ތަރި އިމްރާނު ހާޝްމީ--ފޮޓޯ/ކޮއިމޮއި

ދެހާހުގެ އަހަރުތަކުގައި ބޮލީވުޑްގެ ލޯބީގެ ފިލްމުތަކުން ވިދާލި އެކްޓަރު އިމްރާން ހާޝްމީ އަކީ އެއްވެސް ކަހަލަ ޖެހިލުމަކާ ނުލައި ކަންކަމަށް ފާޑުކިޔާ ތަރިއެކެވެ.

އިންޑިއާގެ މީޑިއާއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އިމްރާން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބޮލީވުޑްގެ ތަރިންނަށް ދެވޭ އެވޯޑުތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އިމްރާނު ދެކޭގޮތުގައި ފިލްމީ އެވޯޑު ހަފުލާތަކަށް ދިއުމަކީ އެއްގޮތަކަށް ވެސް ބޭނުންތެރި ކަމެއް ނޫނެވެ. މި އިންޓަވިއުގައި އިމްރާނު ގާތުގައި އެހީ ބޮލީވުޑްގެ ބަތަލާ ކަންގަނާ އެވޯޑު ހަފުލާތަކާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅޭގޮތުން އިމްރާނު ދެކޭގޮތެވެ.

މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކުން އިމްރާނަށް އެވޯޑެއް ލިބިފައި ނުވާއިރު އޭނާ އެވޯޑު ހަފުލާއަކަށް ދިޔައީ އެންމެ ފަހަރަކު ކަމަށާއި އެ ހަފުލާގައި އެވޯޑުތަކުގެ ހަޤީޤަތް ވަރަށް ރަނގަޅަށް ސާފުވި ކަމަށް އިމްރާނު ވަނީ ބުނެފައެވެ. ބަތަލާ ކަންގަނާ ވެސް ވަރަށް ގިނަ ފަހަރު ބޮލީވުޑްގައި އެވޯޑުތައް ދޭ ގޮތާ މެދު ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފައިވާއިރު ކަންގަނާގެ އެ ވިސްނުމަށް ތާއީދުކުރާ ކަމަށް އިމްރާނު ވަނީ ބުނެފައެވެ.

ފިލްމީ ތަރި އިމްރާނު ހާޝްމީ އަދި ބަތަލާ ކަންގަނާ ރަނާވަތު--ފޮޓޯ/ކޮއިމޮއި
އެވޯޑު ހަފުލާތަކުގައި އައިޓަމްތައް ހުށަހަޅާނަމަ ތަރިންނަށް އެވޯޑު ލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި ބައެއް ތަރިންނަކީ އެވޯޑެއް ނުލިބުނަސް ހުށަހަޅާ އައިޓަމްތަކަށް ބޮޑު އަގެއް ލިބި އެކަމާ ހިތްހަމަޖެހޭ ތަރިން ކަމަށް އިމްރާނުގެ އިންޓަވިއުގައި ވަނީ ބުނެފައެވެ.

މިފަދަ އެވޯޑު ހަފުލާތަކުގައި އަޑިއަޑިން ސިއްރު އެއްބަސްވުންތައް ހެދުމަށްފަހު އެވޯޑު ހޯދާ ތަރިންނަކީ އާއްމުކޮށް ގޭގެ ސިޓިން ރޫމް ޓްރޮފީތަކުން ޒީނަތްތެރި ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ކަމަށް އުމުރުން 45 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ. އެހެންކަމުން ފިލްމު އިންޑަސްޓްރީގައި ދެވޭ އެވޯޑަކީ އިމްރާނު ދެކޭގޮތުގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަމަށް ފިލްމު "އޭ ވަޠަން މޭރޭ ވަޠަން"އިން އެންމެ ފަހުން ފެނިފައިވާ އެކްޓަރު ވަނީ ބުނެފައެވެ.

comment ކޮމެންޓް