'ބާގީ 4' އަންނަ ސެޕްޓެމްބަރުގައި

ފިލްމީ ތަރި ޓައިގާ ޝްރޮފް--ފޮޓޯ/ޓައިމްސްނައު

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފްގެ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް "ބާގީ"ގެ ހަތަރުވަނަ ފިލްމުގެ ޕޯސްޓަރާ އެކު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު އިއުލާނުކޮށްފިއެވެ.

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ މި ފިލްމުގެ އާ ޕޯސްޓަރާ އެކު ކުރީގެ ތިން ފިލްމަށްވުރެ ހަތަރުވަނަ ފިލްމު މާ ވަރުގަދަވެފައި ޓައިގާ ފެންނާނެގޮތް ވެސް ވަރަށް ތަފާތުވާނެ ކަމަށް ބެލެވެއެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރުގެ ޓެގް ލައިންގައި ވެސް ބުނެފައިވަނީ މި ފަހަރު ޓައިގާ ފެންނާނީ އެހެން ފިލްމުތަކުން ފެނުނު ވަރަށްވުރެ އެތައް ގުނައަށް ވަރުގަދަކޮށް ކަމަށާއި ބަދަލަކާ އެކު ކަމަށެވެ.

މި ފިލްމުގެ ޝޫޓިންގް މިހާރު ފަށާފައިވާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމި ތާރީޚަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓް ކުރާނީ ކުޅަދާނަ ޑައިރެކްޓަރު އޭ ހަރްޝާއެވެ. ހަރްޝާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ވަރުގަދަ އެކްޝަން ފިލްމު "ވޭދާ"އެވެ. މިއީ ހަރްޝާ ބޮލީވުޑަށް ޑައިރެކްޓަރެއްގެ ގޮތުގައި ނުކުންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

ޓައިގާ ޝްރޮފްގެ ފިލްމު "ބާގީ 4"ގެ ޕޯސްޓަރު--ފޮޓޯ/ޕިންކްވިލާ
ފިލްމު "ބާގީ 4"ގައި ޓައިގާ ފެންނާނެ ގޮތުގެ ޕޯސްޓަރެއް އާއްމުކުރި ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލް ކުޅޭ ތަރިއަކީ ކާކުކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރީގެ ދެ ފިލްމު ބަތަލާ ޝްރައްދާ ކަޕޫރު ބަތަލާގެ ރޯލުން ފެނުނުއިރު މި ފްރެންޗައިސްގެ ދެވަނަ ބައިން ބަތަލާގެ ރޯލްއިން ފެނުނީ ޓައިގާގެ ކުރީގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ.

މި ފަހަކަށް އައިސް ޓައިގާގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބި ޓައިގާއަށް ފިލްމުތަކުން ފުރުސަތު ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިކަމާ ގުޅިގެން ބައެއް ޕްރޮޑިއުސަރުން ވަނީ ޓައިގާ ފިލްމު ކުޅެދޭ ރޭޓް ތަންކޮޅެއް ކުޑަކުރަން ވެސް މަޝްވަރާ ދީފައެވެ.

ނަމަވެސް ފިލްމު "ބާގީ 4" އެއީ އެކްޓަރުގެ ކެރިއަރު ބަދަލުކޮށްލާނެ ފިލްމަކަށް ވާނެކަމުގެ އުއްމީދު އާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓައިގާގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ މި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.

comment ކޮމެންޓް