އަކްޝޭއަށް ތިން ވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ

ފިލްމީ ތަރި އަކްޝޭ ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ ކުރިންވެސް ދެ ފަހަރު މަތިން ކޮވިޑް-19އަށް ޕޮޒިޓްވެ ރަނގަޅުވެފައިވާ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އަނެއްކާވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން އަކްޝޭ ކޮވިޑް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ބައިވެރިވި އަމްބާނީ އާއިލާގެ ކައިވެނީގެ ހަފުލާގައި ވެސް ބައިވެރި ނުވެވުނެވެ.

އަކްޝޭ އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ 2021ވަނަ އަހަރު އެވެ. އޭގެފަހުން 2022ވަނަ އަހަރު ވެސް އެކްޓަރަށް މި ބަލި ޖެހުނެވެ. ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވުމާ ވިދިގެން އަކްޝޭ އެ އަހަރު ކާންސް ފެސްޓިވަލުގައި ބައިވެރިވުމަށް ނިންމި ނިންމުން ޖެހުނީ ބަދަލުކުރާށެވެ.

ފިލްމީ ތަރި އަކްޝޭ ކުމާރު އަދި ބަތަލާ ރާދިކާ މަދަން--ފޮޓޯ/ބޮލީވުޑްހަންގާމާ
އިއްޔެ ރިލީޒްކުރި އަކްޝޭގެ ފިލްމު "ސަރުފިރާ"ގެ ޕްރޮމޯޝަން މަސައްކަތްތަކުގައި އެކްޓަރު ހަރަކާތްތެރިވިއިރު ވެސް އުޅުނީ ވަރަށް ބަލިކޮށް ކަމަށާއި ކޮވިޑް ބައްޔަށް ޕޮޒިޓިވް ވިކަން އެނގުނީ އެކަމަށް ޓެސްޓު ކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމު "ސަރުފިރާ"ގެ އެންމެ ފަހު ޕްރޮމޯޝަން ހަރަކާތްތަކުގައި އަކްޝޭ ބައިވެރިވެފައެއް ނުވެއެވެ.

ބައްޔަށް ޕޮޒިޓިވް ވުމާއެކު އަކްޝޭ މިވަގުތު ހުރީ އެކަހެރި ތަނެއްގައި އައިސޮލޭޝަންގައި ކަމަށާއި އެކްޓަރުގެ ހާލު އިހުނަށްވުރެ ރަނގަޅު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިއްޔެ ރިލީޒްކުރި "ސަރުފިރާ"ގައި އަކްޝޭއާއެކު މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޒުވާން ބަތަލާ ރާދިކާ މަދަން އަދި ޕަރޭޝް ރާވަލްއެވެ.

comment ކޮމެންޓް