ޖަރުމަނު ވިލާތުން ވާވޭ ޓެކްނޮލޮޖީ މަނާކުރުމާ ގުޅިގެން އެ ކުންފުނިން ކަންބޮޑުވުން ފާޅުކޮށްފި

ވާވޭ ކުންފުންޏަކީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއަރަމުން އަންނަ ބޮޑު ކުންފުންޏެކެވެ.

ޖަރުމަނު ވިލާތުގައި، ޗައިނާގެ ވާވޭ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުން ކުރުން މަނާކުރުމާ ގުޅިގެން އެކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވާވޭއިން ބުނަނީ އެ ކުންފުނީގެ ޓެކްނޮލޮޖީގައި ސެކިއުރިޓީ ރިސްކްތަކެއް ހުރިކަމުގެ "އެއްވެސް ސާފު ހެއްކެއް" ދެއްކިފައި ނެތް ކަމަށެވެ. އަދި އެ ކުންފުންޏަކީ ޖަރުމަނުވިލާތުގައި "އަބަދުވެސް އައު އީޖާދުތައް ކުރާ، ރައްކާތެރި އަދި އިތުބާރުހުރި ޓެލެކޮމްސް އާލާތްތައް ފޯރުކޮށްދޭ" ފަރާތެއް ކަމަށް ބުނެފައިވެއެވެ.

ޖަރުމަނުވިލާތުގައި ހުރި ޗައިނާގެ އެމްބަސީން މި ނިންމުމާ މެދު ފާޑުކިޔާ، މިއީ "އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ" މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ. އަދި ޗައިނާގެ ކުންފުނިތަކުން އެއްވެސް ގައުމަކަށް ނުރައްކަލެއް ކުރިމަތިވާ ކަމުގެ ހެއްކެއް ނެތް ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ.

ޖަރުމަނުވިލާތުން އިއުލާނުކޮށްފައިވަނީ އެ ގައުމުގެ 5ޖީ ނެޓްވޯކްތަކުން ވާވޭ އަދި ޒެޑްޓީއީގެ ބައިތައް ބޭނުންކުރުން ހުއްޓާލަން ނިންމި ކަމަށެވެ. މި މަނާކުރުމުގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް "މައި" 5ޖީ ނެޓްވޯކްތަކުން ހުވާވޭ އަދި ޒެޑްޓީއީގެ ބައިތައް ނަގަންޖެހޭނެއެވެ. އަދި 5ޖީ އެކްސެސް އަދި ޓްރާންސްމިޝަން އިންފްރާސްޓްރަކްޗަރުން އެ ކުންފުނިތަކުގެ ސިސްޓަމްތައް 2029 ވަނަ އަހަރުގެ ނިޔަލަށް ބަދަލުކުރަންޖެހޭނެއެވެ.

ޖަރުމަނުވިލާތުގެ އިންޓީރިއަރ މިނިސްޓަރ ނޭންސީ ފޭސަރ ވިދާޅުވެފައިވަނީ މި ނިންމުމުގެ މަގުސަދަކީ ޖަރުމަނުވިލާތުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުން ކަމަށެވެ.

މިއީ ބެއިޖިންގއަށް އިގުތިސާދީ ގޮތުން ބަރޯސާވުން މަދުކުރުމަށް ޖަރުމަނުވިލާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުވިލާތުގެ އޮފިޝަލުން މި މަނާކުރުން ތަންފީޒުކުރުމާ ގުޅޭގޮތުން 5ޖީ ނެޓްވޯކް އޮޕަރޭޓަރުންކަމުގައިވާ ޑޮއިޗެ ޓެލެކޮމް، ވޯޑަފޯން، އަދި ޓެލެފޯނިކާއާއެކު އެއްބަސްވުންތަކަކަށް ވާސިލުވެފައިވެއެވެ.

ޖަރުމަނު ސަރުކާރުން 5ޖީ ނެޓްވޯކްތައް ބަލަނީ އެ ގައުމުގެ "ކްރިޓިކަލް އިންފްރާސްޓްރަކްޗަރ"ގެ ބައެއްގެ ގޮތުގައެވެ.
ޖަރުމަނުގެ އިންޓީރިއަރ މިނިސްޓަރ ފޭސަރގެ މި ނިންމުމާ ގުޅިގެން ޗައިނާއިން އަޅާފާނެ ޖަވާބުދާރީ ފިޔަވަޅުތަކާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރައްވާފައެއް ނުވެއެވެ.

comment ކޮމެންޓް