ދިވެހި ޓޭލްސް: އޭއައިއިން އުފައްދައިދެނީ ކުޑަކުދިންނަށް ޝައުގުވެރި އެތައް ދިވެހި ވާހަކައެއް

ދިވެހި ޓޭލްސް ޕްލެޓްފޯމް -----

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ދިވެހިބަސް ކުރިއަރުވައި ބަހަށް ޝައުގު އުފައްދަން ބޭނުންކުރާނީ ކޮން އިރަކުންތޯ މިއީ ހުރިހާ އެންމެންގެ ވެސް ސުވާލެކެވެ.

'ދިވެހި ޓޭލްސް'ގެ ނަމުގައި އޭއައި ބޭނުންކޮށްގެން ކުޑަކުދިންނަށް ވާހަކަ އުފައްދައިދޭ މި އާ ޕްލެޓްފޯމަކީ މި އިންގިލާބީ ބަދަލުގެ ފުރިހަމަ މަސައްކަތެކެވެ.

ސިނެޓެކްސްގެ ސީއީއޯ މުޙައްމަދު ޖިނާސް ތައާރަފްކުރި މި ޕްލެޓްފޯމުން ހަ ޗެޕްޓަރުގެ މައްޗަށް ތަސްވީރު ހިމެނޭހެން ކުޑަކުދިންނަށް ވާހަކަ އުފައްދައެވެ. ދުވާލަކު ދެ ވާހަކަ މި ޕްލެޓްފޯމުން ގެނެސްދޭއިރު، އުފައްދާ ވާހަކަތަކަކީ ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ގެނެސްދޭ ވާހަކަތަކެވެ.

މި އުފެއްދުމާ ގުޅޭގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ޖިނާސް ވިދާޅުވީ، ދިވެހި ޓޭލްސް ހެދީ ކުޑަކުދިންނަށް ވާހަކަ ކިޔައިދޭއިރު، އުފެއްދުންތެރި ގޮތަކަށް ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުމަށް އެހީވާނެ އެއްޗެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މާ ބޮޑު މަސައްކަތްތަކާ ނުލައި ވަރަށް ފަސޭހައިން ވާހަކަ ތައްޔާރު ކުރެވޭއިރު މި ޕްލެޓްފޯމްގެ މަގްސަދަކީ ދިވެހި ބަހަށް ކުޑަކުދިން ޝައުގުވެރި ކުރުވުން ކަމަށް ޖިނާސް ވިދާޅުވިއެވެ.

ދިވެހި ޓޭލްސް ޕްލެޓްފޯމްގައި އޭއައި ބޭނުންކޮށްގެން އުފައްދާފައި ހުރި ބައެއް ވާހަކަތައް -----

މިހާރު މި ޕްލެޓްފޯމް އޮތީ ބީޓާ ޓެސްޓިން ފޭސްގައި ކަމުން މައްސަލަތަކެއް ދިމާވެދާނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ މައްސަލަތައް ދުވަހުން ދުވަހަށް ރަނގަޅު ކުރަމުން ދާނެ ކަމަށެވެ.

"މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ކޭޕަބިލިޓީސް މިހާރު ހުރި ވަރަށް ވުރެ ޝޯކޭސް ކުރަން ސިނެޓެކްސްގެ ޑިވެލޮޕާސް ހަދާފައި އިން އެޕްލިކޭޝަނެއް،" އޭނާ ވިދާޅުވިއެވެ.

މި ޕްލެޓްފޯމަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

އޭގެއިތުރުން، ޕްލެޓްފޯމުގައި ގެނެސްދޭ ހުރިހާ ވާހަކަތަކެއް ހުންނަނީ ދިވެހިބަހުން ކަމަށްވާއިރު، މިކަމުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގެ ދިވެހި ބަސް އާލާކުރުމަށް ފުރުސަތު ފަހިވާނެކަމަށް ޖިނާސް ވިދާޅުވިއެވެ.

ދިވެހި ޓޭލްސް އިން އުފައްދާފައިވާ ވާހަކައެއް ----

ބޭނުންކުރުމަށް ފަސޭހަ މި ޕްލެޓްފޯމު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާހަކަ އުފައްދައެވެ. އެގޮތުން، ވާހަކައެއް އުފައްދަން ބޭނުންވާނަމަ އެންމެ ފުރަތަމަ ޕްލެޓްފޯމަށް ލޮގިން ވެލުމަށްފަހު، ޖެނެރޭޓް ސްޓޯރީ ސެލެކްޓު ކުރާނީއެވެ.

ދެން، ވާހަކަ ލިޔަން ބޭނުންވާ ސުރުހީ ދިވެހި އަދި އިނގިރޭސި ބަހުން ލިޔާނީއެވެ. ފިކްޝަން ސެލެކްޓްކުރުމަށް ފަހު، އިނގިރޭސި ބަހުން ވާހަކަ ގެންނަން ބޭނުންވާ ގޮތް ކުރުކޮށް ލިޔާނީއެވެ. އެންމެ ފަހުން ޖެނެރޭޓް ސްޓޯރީއަށް ފިތާލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާހަކަ ތައްޔާރުވާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހި ޓޭލްސް އުފެއްދި ސިނެޓެކްސްއަކީ އޭއައި ކުންފުންޏަކަށް ވާއިރު، މި ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދިވެހި ބަހުގެ ގިނަ ކަންކަމަށް ފަސޭހަތަކެއް ގެނެސްދެއެވެ. އޭގެތެރޭގައި، ދިވެހި ސްޕީޗެއް ޓެކްސްޓަށް ބަދަލު ކުރުމާއި ސަމަރައިޒް ކުރުމާއި ޓްރާންސްލޭޓް ކުރުން ހިމެނެއެވެ.

comment ކޮމެންޓް