"އަހަރެން ބޭނުން ޔަލްވީ ކައިރިއަށް ދާން... ހެޔޮނުވާނެ ނިމާލު އަހަންނަކަށް ކެތެއް ނުވާނެ" ނަފީސާ އާދޭހުގެ ނަޒަރަކުން ނިމާލުގެ މޫނަށް ބަލައިލިއެވެ.
"އެންމެ ރަނގަޅު... ރަޔާންއަށް ގުޅާފަ ދަތުރު ހަމަޖައްސާނަން" ނިމާލު ޔަގީންކަން ދިނެވެ. "މާދަމާ ޔަލްވީއަށް ގުޅާނީ... އެންމެ ރަނގަޅުތަ؟"
********
އަފްސަމްއަށް ހަމަހޭވެރިކަންވީ ރަޔާން ދެތިންފަހަރަކު ކަރުކެހިލި އަޑު އިވުމުންނެވެ.
"މިއަދު ގެއަށް ނުދާ ދުވަހެއް؟" އޮފީސް ފާރުގައި ހަރުކޮށްފައިވާ ގަޑި ދައްކައިލަމުން ރަޔާން ބުންޏެވެ.
ގަޑިން ދެގަޑި ބައިވީއެވެ. އަފްސަމް ފުންމައިގެން ތެދުވިއެވެ. ފޯނު ބަލައިލިއެވެ. އެއާއިއެކު އަނެއްކާވެސް އެމޫނުން ފެނުނީ މާޔޫސްކަމެވެ. ދެމީހުން އެކުގައި އޮފީހުން ނުކުންނަން ހިނގައިގަތެވެ.
"ކޮންކަމަކާ މާޔޫސްވެފަ ހުންނަ ދުވަހެއް؟" ސައިކަލަށް އަރަމުން ރަޔާން ސުވާލުކުރިއެވެ.
"އަހަރެން ހީކުރީ އަހަރެން ވަރަށް ކާމިޔާބުކަމަށް" އަފްސަމް ކަރު އެލުވައިލިއެވެ.
"އަންހެންކުއްޖެއްގެ ކަމެއްދޯ؟" ރަޔާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"އެހާ ދުވަސްފަހުން ރިޕްލައިކޮށްފަ، ކުއްލިއަކަށް ރިޕްލައިއެއް ނުލިބުނީމަ، އޭގެ މާނައަކީ ކޮބާތަ؟" އަފްސަމް އަހައިލިއެވެ.
"ދެން އުނދަގޫ ނުކުރާށޭ" ރަޔާންގެ ޖަވާބު އަވަހެވެ.
ސައިކަލަށް އެރިގޮތަށް ސްޓާޓްވެސް ނުކޮށް އަފްސަމް އިނީ ފުންވިސްނުމެއްގައެވެ. ރަޔާން ބުނިހެން އޭނާގެ ސަބަބުން ލިމްޔާއަށް އުނދަގޫވީ ހެއްޔެވެ؟
"އަސްލުވެސް ދެން އަހަރެން މެސެޖު ނުކުރަންވީތަ؟" އަފްސަމް އިނީ ޔަގީންނުވެފައެވެ. "އެހާ އަވަހަށް ގިވްއަޕްކުރާކަށް ބޭނުމެއްނުވޭ... އެކަމަކު، ލިމްޔާއަށް އުނދަގޫވާ ކަމެއް ކުރާކަށްވެސް ބޭނުމެއް ނޫން"
"ލިމްޔާއޭ؟" ރަޔާނަށް އަހައިލެވުނެވެ.
ސައިކަލު ދުއްވާލިގޮތަށް އަފްސަމް ކުއްލިއަކަށް ބުރަކި ޖެއްސިއެވެ. ދެމީހުން ސައިކަލުން ނުވެއްޓުނީ ކިރިޔާއެވެ. އަފްސަމް ހުށިޔާރުކަމާއިއެކު ބިންމަތީގައި ފައި ޖައްސާ، ސައިކަލު ވެއްޓުނަނުދީ ހިފެހެއްޓިއެވެ. ހާސްވެފައި އިންވަރުން ލިމްޔާގެ ވާހަކަ ބުނެވުނުއިރުވެސް އަފްސަމަށް ނޭނގުނެވެ. އަމިއްލަ މޮޔަކަން އިހުސާސްވެ، އަފްސަމްއަށް އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ރަޔާން ހީކުރާނެ އެއްޗެއް ނޭނގޭތީ އަފްސަމްއަށް ޖެހުނީ ފުރަތަމަ އެކަމާއި ވިސްނާށެވެ.
"އަހަންނަށް ލިމްޔާ ވަރަށް ހާއްސަވެއްޖެ! އެނޫން ކަމަކާ ނުވިސްނޭ" ގެއަށް ވަންނަން ހިނގައިގަންނަމުން އަފްސަމް އޭނާގެ ހިތުގެ ހާލު ހާމަކުރިއެވެ.
ފޮރުވައިގެން އުޅުނު ސިއްރު ރަޔާނަށް ފަޅާއެރުމުން އިތުރު ކަމެއް ސިއްރުކުރާކަށް އަފްސަމް ބޭނުމެއް ނުވިއެވެ. އެކަމަކު، ލިމްޔާ ރަޔާންދެކެ ލޯބިވާވަރު އެންމެ ރަނގަޅަށް އެނގޭ އެކަކީ އަފްސަމެވެ. ރަޔާންއާއި ލިމްޔާއާއި ދޭތެރޭ ހިނގައިދިޔަ ކަންތައް ހައްލުކުރުމަށް މަސައްކަތްކުރީވެސް އޭނާއެވެ. ވީއިރު، ރަޔާންގެ ކުރިމަތީގައި ލިމްޔާދެކެ ލޯބިވާ ވާހަކަ ބުނަން އަފްސަމްއަށް ފަސޭހަވާނީ ކިހިނެއް ހެއްޔެވެ؟
"ސީރިއަސް ކަމެއްތަ؟" ރަޔާން ބޭނުންވީ ޔަގީންކުރާށެވެ. ލިމްޔާއަކީ އަދިވެސް ރަޔާންގެ އެކުވެރިއެކެވެ. ރަޔާންގެ ދިރިއުޅުން އުފާވެރިވެފައި، ލިމްޔާއަށް ދެރަގޮތެއްވެއްޖެނަމަ ރަޔާންވެސް ދެރަވާނެއެވެ.
ރަޔާން ބަލަން ހުރިގޮތުން ޖެހިލުންވި ނަމަވެސް އަފްސަމް މަޑުމަޑުން ބޯ ޖަހައިލިއެވެ. އެއާއިއެކު ރަޔާން އަފްސަމްގެ ކޮނޑުމަތީގައި އަތް ބާއްވައިލީ އެ ގުޅުން ކުރިއަށްގެންދަން ރަޔާންވެސް ހިތްވަރުދެމޭ ބުނާ ފަދައިންނެވެ. ރަޔާން ހިނިތުންވެލިގޮތުން އަފްސަމްއަށް އޭނާ ބޭނުންވި ޖަވާބު ލިބުނެވެ.
"އެކަމަކު ލިމްޔާ އަހަންނަށް ފުރުސަތެއް ނުދޭނެ.." އަފްސަމްގެ އަޑުގައިވީ ޔަގީންކަމެވެ.
"އެއީ ކީއްވެ؟ މަސައްކަތްކުރީމައެއްނު އެނގޭނީ" ރަޔާން ބޭނުންވީ އަފްސަމަށް ހިތްވަރުދޭށެވެ.
"ލިމްޔާ އަހަރެންދެކެ ލޯތްބެއް ނުވާނެ" އަމިއްލަ ނަފުސާއިމެދުގައިވެސް އަފްސަމަށް އެއްވެސް ޔަގީންކަމެއް ނެތެވެ.
"ހާސްނުވެބަލަ" ކުއްލިއަކަށް އަފްސަމްގެ ކޮނޑުގައި ޖަހައިލަމުން ރަޔާން ބުނެލިއެވެ. "ޓްރައިކުރަންވާ ވަރަށް އަދިވެސް ނުކުރެވެނީ.. އަލުން މެސެޖެއް ފޮނުވާލަބަލަ"
ރަޔާން ގޮސް ކޮޓަރިއަށް ވަންނަންދެން އަފްސަމްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއަށްފަހު ފޯނު ނަގައި ބަލައިލެވުނީ އުފަލުން ދެލޯ ފެންކަޅިވެދާނެވަރުގެ އެއްޗެއް ފެނިދާނެ ކަމަކަށް ނޫނެވެ. މުޅި ދުވަހު ފޯނަށް އިންޓަނެޓު ނުލިބޭތީ، ލިމްޔާ ފޮނުވި މެސެޖު އަފްސަމަށް އައީ ގެއިން ވައިފައި ލިބުމުންނެވެ. ހެނދުނު ހާލު އަހާފައި އަފްސަމް ފޮނުވި މެސެޖުގެ ޖަވާބުގައި ރަނގަޅުކަމަށް ލިމްޔާ ބުނެފައި އޮތެވެ.
"ތޭންކްޔޫ" އަފްސަމް ކުރު މެސެޖެއްލިޔެ ފޮނުވައިލިއެވެ.
މެސެޖު ފޮނުވާލުމަށްފަހު އަފްސަމްއަށް އިންތިޒާރުކޮށްލަން ޖެހުނީ ކުޑަވަގުތު ކޮޅަކަށެވެ. ސްކްރީން ދިއްލިގެން ދިޔުމާއިއެކު އަފްސަމްއަށް ޔެސް އޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ.
ލިމްޔާ އޮތީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ކާކުކަމެއް ނޭނގުނަސް ނުދަންނަ ނަންބަރުން މެސެޖުކުރާ ފަރާތް އޭނައަށް ޚާއްސަވެއްޖެއެވެ. ހިތް ނުތަވަސްވެފައި ހުންނަ ވަގުތު ތަކުގައިވެސް ހިތަށް ފިނިކަމެއް ލިބެނީ އެމެސެޖުތައް ކިޔާލުމުންނެވެ. ފުރަތަމަ ފަހަރަށް އެއީ ކާކުތޯ ބަލާލުމުގެ ޝައުޤުވެރިކަން ލިމްޔާގެ ހިތުގައި އުފެދުނެވެ.
"ތީ ކާކުތޯ އަހާލެވިދާނެތަ؟" ލިމްޔާ ފޮނުވި މެސެޖު އަފްސަމަށް ތަކުރާރުކޮށް ކިޔާލެވުނެވެ.
ލިމްޔާ ދެފިކުރެއްގައި އޮއްވާ ފޯނު ރިންގްވާން ފެށިއެވެ. ނަމަވެސް ދެތިން ފަހަރު ރިންގްވީ އިރުވެސް ބަލަހައްޓައިގެން އޮތުން ފިޔަވާ އިތުރުކަމެއް އޭނާއަކަށް ނުކުރެވުނެވެ. ފޯނު ކަނޑާލަން އުޅެފައި ލިމްޔާ ފޯނު ނެގިއެވެ. އެއާއިއެކު އިވިގެން ދިޔައީ ލިމްޔާއަށް އައު އަޑެއް ނޫނެވެ.
"އަފްސަމް؟" ލިމްޔާއަށް ބުނެވުނެވެ.
އަފްސަމް އަކީ ގޯސްމީހެއް ނޫނެވެ. ހަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރުމަށް އެކަށީގެންވާ މީހެކެވެ. ތިމާ ލޯބި ނުވިޔަސް ތިމާދެކެ ލޯބިވާ މީހަކު ހޯދުމަށް އަމީރާ ބުނި ހަނދާން ލިމްޔާ ވިއެވެ. ނަމަވެސް އެމީހަކީ އަފްސަމްކަން އެނގުމުން ލިމްޔާގެ ހިތަށް މާބޮޑު އުފާވެރިކަމެއް ނުލިބުނެވެ.
"ލިމް.... ތޭންކްސް... އަހަރެން ހިއެއް ނުކުރަން އަހަންނާ ވާހަކަ ދައްކަން ލިމް ބޭނުންވެދާނެ ކަމަކަށް..." އަފްސަމް ފޮނުވި މެސެޖު ލިމްޔާއަށް ތަކުރާރުކޮށް ކިޔާލެވުނެވެ.
ދެމީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެދިޔުމުން އަފްސަމްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މެސެޖުކުރީ ކާކުކަން އެނގުމުން ލިމްޔާ ހިތްހަމަނުޖެހުނީ ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.
"ސޮރީ...." އަފްސަމްގެ ހިތް ކުދިކުދިވިއެވެ. ހިތަށް ލިބުނު ހަމަޖެހުން އެކީ ފިލާދިޔައެވެ. ވީދެރައިން ފޯނު ކަނޑާލެވުނުގޮތްވެސް ނޭނގުނެވެ.
ފޯނުކަނޑާލީ ކީއްވެތޯ ސުވާލުކޮށް ލިމްޔާ ފޮނުވި މެސެޖު ކިޔާލުމާއިއެކު އަފްސަމްގެ މޫޑު ބަދަލުވިއެވެ. ކުރިން ހުރި އުފާވެރިކަން މޫނުމަތިން ފެނިގެން ދިޔައެވެ.
********
ގޭތެރެއަށް ވަންނަންދިޔަ ރަޔާންގެ ފިޔަވަޅުތައް ހުއްޓުނީ ބޭރުގައި އިން ފައިވާން ފެނުމުންނެވެ. އިތުރު މީހަކު ގޭގައި އުޅެނީކަން އެނގުމުން ރަޔާންގެ ހިތް އަވަސްވިއެވެ. އެފަދަ ވަގުތެއްގައި ޔަލްވީއާއި ބައްދަލުކުރަން އަންނާނީ ކާކު ހެއްޔެވެ؟ ރަޔާން ގެއަށް ވަންއިރު، ގޭތެރެއިން މީހަކު ފެންނާކަށް ނެތެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، ސިޓިންގްރޫމް ސޯފާގައި އޮތް ދަބަހެވެ.
ޔަލްވީ އުޅުނީ ބަދިގެތެރޭގައެވެ. ކައްކަމުންދިޔަ ކާއެއްޗެއްގެ މީރުވަސް މުޅި ގޭތެރޭގައި ހިފާލާފައި ހުއްޓެވެ. ރަޔާން ބަދިގެ ދޮރާއި އަރާ ހަމަވެފައި ހުއްޓާ، އެތެރެއިން ނުކުތް މީހަކު އޭނާގެ ގައިގައި ލައިގަތެވެ.
"ސޮރީ.. ސޮރީ.. ސޮރީ" އެމީހަކު ބުނެލިއެވެ.
"އަޒޫ..." ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ރަޔާންގެ ކައިރިއަށް ދިޔައެވެ. ރަޔާންގެ އަތުގައި ހިފައިލިއެވެ. "އެއްވެސް ވަރަކަށް ނުބަލައޭ އުޅޭނީ"
އަޒުމާގެ ނަޒަރު ހުއްޓިފައިވީ ރަޔާންގެ މޫނަށެވެ. އަޒުމާއަކީ ރަޔާންއަށް އައު މޫނެއް ނޫނެވެ. ސިއްހީމަރުކަޒުގައި މަސައްކަތްކުރާ ނަރުހަކަށްވާތީ ރަށުގެ ގިނަ ބަޔަކު އަޒުމާއަށް އިހުތިރާމްކުރެއެވެ. އެކަމަކު، ރަޔާންގެ މޫނުން އަޒުމާއަށް އިހުތިރާމްކުރާ ކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.
"ތަނަކަށް ތަދުވިތަ؟" ރަޔާންގެ މޫނަށް ބަލައިލަމުން ޔަލްވީ ސުވާލުކުރީ ނުހަނު ލޯބިންނެވެ.
"ނޫނޭ.. އެއީ އެވަރުގެ ކަމެއް ނޫން" ރަޔާން ހިނިތުންވެލީ ގަދަކަމުންނެވެ. އަޒުމާ މާވަރަކަށް ބަލާތީ ރަޔާން ހުރީ އެތަނުން ދާން ބޭނުންވެފައެވެ.
"މީ އަޒޫ އިނގޭ. ފްރެންޑެއް.. ވަރަށް ދުވަސްފަހުން މި ދިމާވީ ދޯ؟" އަޒުމާ ދައްކައިލަމުން ޔަލްވީ ކުރު ތައާރަފެއް ދިނެވެ.
އަޒުމާ އެއްޗެއް ނުބުނެ ހަމައެކަނި ހިނިތުންވެލީއެވެ. އޭރުވެސް އޭނާ ހުރީ ރަޔާންގެ މޫނަށް ބަލާށެވެ. ރަޔާންވެސް ހިނިތުންވެލިއެވެ.
"އަޒޫއަށް ރެން އެނގޭތަ؟" ޔަލްވީ ސުވާލުކުރިއެވެ.
"އެއް ރަށެއްގަ އުޅެންޏާ، އެނގޭނެ ކަންނޭނގެއެއްނު" އަޒުމާ ދިނީ ނުސީދާ ޖަވާބެކެވެ.
"ކުރިން ހަނދާނެއް ނެތޭ އަޒޫ ވޯކް ކުރަނީ މިކޮޅުގަ ކަމެއް... ރަށުގަ އުޅެފަ މިއަދުއޯ އެ އައީ މިކޮޅަށް.. ދެންމެ ލޯންޗުން ފައިބައިގެން އެ އައީވެސް... އެކަމަކު ޔާލް ބުނީމަ އަޒޫ އެއައީ ކައްކަން ދަސްކޮށްދޭން" ޔަލްވީ ބޭނުންވީ އަޒުމާއަށް ތައުރީފުކުރާށެވެ.
އެހާ ދުވަސްފަހުން އެކުވެރިއަކާއި ދިމާވުމުން ޔަލްވީ ހުރީ އުފާވެފައެވެ. ރަޔާން އެތަނުން ދިޔުމުން، ޔަލްވީ އަވަސްވެގަތީ ކާމޭޒު ތައްޔާރުކުރާށެވެ. އަޒުމާގެ ހަރަކާތްތައް ލަހެވެ. ކާން ތައްޔާރުކޮށް ނިމުމުން، އަޒުމާ ގޮސް ދަބަސް އެޅުވިއެވެ.
"ރަޔާން ހިތްހަމަނުޖެހިފަ ކަންނޭނގެ އެހުރީ އަހަރެން އައީމަ" ރަޔާން ދިޔަ ދިމާއަށް ބަލަން ހުރެ އަޒުމާ ބުނެލިއެވެ.
"ކީއްވެ ހިތްހަމަނުޖެހެންވީ؟" ޔަލްވީ ކުރަންހުރި މަސައްކަތް ހުއްޓާލާފައި އަޒުމާއަށް ބަލައިލިއެވެ. "އެއީ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ... ރެން ވަރަށް ރަނގަޅުވާނެ"
"ވެދާނެއެއްނު އަހަންނަށް ކުށެއް ކުރެވިފަ އޮތީ ކަމަށް" އަޒުމާ ޖަހައިލީ ލުއި ހިނިގަނޑެކެވެ.
"އަޒޫވެސް ދޯ.. ކޮންކުށެއްތަ؟" އަޒުމާގެ ސަމާސާގައި ބައިވެރިވުމުގެގޮތުން ޔަލްވީވެސް ހީގަތެވެ. "ކައިގެން ދޯ ދެން ދާނީ؟"
"ނޫނޭ... ދެކުދިން ކާލާ... މިގަޑީ ނުކެވޭނެ" އަޒުމާ ބޭނުންވީ އެގެއިން ދާށެވެ.
އަޒުމާ ދިޔަގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޔަލްވީއަށް އެނގުނެވެ. ޔަލްވީ ކޮޓަރިއަށް ވަންއިރު ރަޔާން ފާހާނާއިން ނުކުންނަނީއެވެ. ތެތް އިސްތަށިގަނޑު ހިއްކަމުން ނުކުތްއިރު، ރަޔާން ހުރީ ހަމައެކަނި ސޯޓުކޮޅުގައެވެ. ޔަލްވީ ހުރީ ކަޅި ޖަހާވެސްނުލާ ރަޔާނަށް ބަލާށެވެ. ރަޔާނަށް އެކަން ފާހަގަވެގެން އަވަހަށް ޔަލްވީއަށް ފުރަގަސްދިނެވެ. އަލަމާރިން ޓީޝާޓެއް ނަގައިގެން ލިއެވެ. ރަޔާނާއި ސުވާލުކުރަން އުޅުނު ޔަލްވީ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ.
"ރިހަތައްޓެއް ކޮޓަރިއަށް ބަންޑުންވީހެން ހީވަނީ" ރަޔާން ސަމާސާކޮށްލިއެވެ.
ޔަލްވީ ދެލޯ އަޅައިލިއެވެ. ރަޔާންގެ އެފަދަ ސަމާސާތަކުން ޔަލްވީގެ ހިތަށް ފިނިކަން ލިބެއެވެ.
"ހިނގާ ކާންދާން..." ޔަލްވީ އެދުނެވެ. "އަޒޫވެސް ގޮއްސި"
"ބައްޕަ ގުޅި..." ރަޔާން ދެއްކީ އެހެން ވާހަކައެކެވެ. "މިކޮޅަށް އަންނަ ވާހަކަ ބުނި... މަންމަ ވަރަށް ދެރަވެގެން އުޅެނީ.. ޔަލްވީ މަންމައަށް ގުޅާލަބަލަ"
"މަންމަ ކީއްވެ މިހާރު އަހަރެން މިސްވާންވީ؟" ޔަލްވީގެ އަޑު ކުރެހުނެވެ. "އެމީހުން އަހަރެންދެކެ ލޯތްބެއް ނުވޭ"
"ޔަލްވީ" ރަޔާން ޔަލްވީގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. "ތިގޮތަށް ނުވިސްނާ!"
"އަހަރެން ބޭނުމެއް ނޫން މަންމަމެންނާ ވާހަކަ ދައްކާކަށް" ޔަލްވީ ތުންދަމައިލިއެވެ.
"އަހަންނާ ވާހަކަ ދައްކަން ބޭނުންތަ؟" ރަޔާންގެ ލާނެތް އަޑު އިވުމުން ޔަލްވީގެ ރުޅި ފިނިވިއެވެ. އެކަމަކުވެސް އޭނާ ހުރީ ތުންފިއްތާލައިގެންނެވެ. "ބަލާބަލަ ރުޅިން ހުރި ކުއްޖާއަށް ހެވެނީނު މި"
ރަޔާން ގުދުވެގެން ޔަލްވީގެ މޫނަށް ބަލަން ފެށުމުން ޔަލްވީ އަވަހަށް ރަޔާންގެ މޭގައި މޫނު ފޮރުވައިލިއެވެ. ނުހޭން ހުއްޓަސް، ރަޔާންގެ އެ އަމަލުން ޔަލްވީއަށް ހެވުނެވެ. ފަހަކަށް އައިސް ޔަލްވީ އަމިއްލައަށްވެސް އޭނާ ރުޅިމަޑުކަން ފާހަގަވިއެވެ.
"ތިއުޅެނީ އަހަރެންވެސް ރިހަގަނޑަކަށް ހަދާލަން" ރަޔާން ސަމާސާކޮށްލަމުން ޔަލްވީ ދުރުކޮށްލާކަމަށް ހެދުނެވެ.
(ނުނިމޭ)