ރާއްޖެ އެމެރިކާ ވިޔަފާރި އެއްބަސްވުން: އެހީވާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖެ އެމެރިކާ ވިޔަފާރި އެއްބަސްވުމާ ގުޅޭ ތިންވަނަ މަޝްވަރާގެ ތެރެއިން ----- ފޮޓޯ/ މިނިސްޓަރު ސައީދު

ރާއްޖެއާއި އެމެރިކާއާ ދެމެދު ގާއިމްކުރަން މަސައްކަތްކުރަމުން އަންނަ ވިޔަފާރި އެއްބަސްވުމުގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއަށް އެހީ ބޭނުންވާ ދާއިރާތައް ހުށަހަޅައި އެ ކަމުގެ މަޝްވަރާކޮށްފިއެވެ.

އެމެރިކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި ދެ ގައުމުން މަޝްވަރާ ކުރީ މަސްވެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ދިނުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މި ސަރުކާރުގެ އިގްތިސާދީ ތަސައްވަރު ހުށަހަޅައި އެކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުން ދިނުމަށް އެދިލެއްވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޭއިތުރުން، މިނިސްޓަރު ސައީދު ވަނީ ގްލޯބަލް ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް ދޭ އެހީއަށް އަލިއަޅުވާލައްވާފައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ދެ ގައުމުން ވަނީ ރާއްޖެއިން ގެންނަމުންދާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއި ވިޔާފާރީގެ މާހައުލު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ އެގްރީމަންޓް އޮން ޓްރޭޑް ފެސިލިޓޭޝަންގެ ދަށުން ރާއްޖެއަށް ވެފައިވާ ވައުދުތަކުގެ އަޣުލަބިއްޔަތު ތަންފީޒު ކުރުމުން ޔޫއެސްޓީއާރުން ވަނީ އެމެރިކާ ހިމެނޭ ގޮތަށް ޑޯނަރުންނާއެކު މަސައްކަތް ކުރުމަށް ހިތްވަރު ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ސައީދު އެމެރިކާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ.

މި ދަތުރުފުޅުގެ މަގުސަދަކީ ވިޔަފާރީގެ މަޝްވަރާތައް ކުރުމާއި އިންވެސްޓްމަންޓުތައް އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް