އާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް

ރޯދަަހުގެ ފުރަތަމަ ތަރާވީސް ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުހައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ މާތް ދުވަހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށް މިއަދުކީ ހުތުބާގައި ބުނީ، އާޝޫރާ ދުވަހަކީ ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސް ކަމަށެވެ. މި ހާދިސާއަށް އަލިއަޅުވާލާ ހުތުބާގައި ބުނީ، ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން، ފިރުއައުނު އޭނާގެ ލަޝްކަރު އެއްކޮށް، މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމު މުޅިން ނައްތާލުމަށް ނުކުތްކަމަށެވެ.

ޚުތުބާގައި ބުނީ، ފިރުއައުނުގެ ލަޝްކަރު ބަނީ އިސްރާއީލުގެ މީހުންނާ ކައިރިވުމުން މާތްﷲ، މޫސާގެފާނަން ވަހީކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމަށް ކަމަށެވެ. އެހިނދު މޫސާގެފާނު އެކަލޭގެފަނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމުން އެކަނޑުގެ މެދުން މަގުތަކެއް އުފެދުނު ކަމަށް ޚުތުބާގައި ބުންޏެވެ.

"މާތްﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ގަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ހާއްސަ ކުރެވިގެންވާ މަގުން ކަނޑު ކުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރުއައުނު އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުން ފިރުއައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެތެރޭގައި އެ ކަނޑު ކުރިން އޮތް ގޮތަށް މާތްﷲ ބަދަލުކުރެއްވިއެވެ،" ޚުތުބާގައި ބުންޏެވެ.

މިފަދަ ހާދިސާތަކުގައި ގިނަގުނަ އިބުރަތްތަކަކާއި ދަރުސްތަކެއް ވާކަމަށް ޚުތުބާގައި ބުންޏެވެ. އޭގެތެރެއިން އެންމެ މުހިންމު ފިލާވަޅަކީ، ﷲއެކަލާންގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާންގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތް ކުރައްވާގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމެވެ.

އަދި މިހާދިސާއިން އިނގެނީ، މާތްﷲއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި ނެތިކުރައްވާނެކަން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، އާޝޫރާ ދުވަހު ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވާކަމަށެވެ. އޭގެތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ، އާޝޫރާ ދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުން ކަމަށް ޚުތުބާގައި ބުންޏެވެ.

"އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުމެވެ. އެއީ ގިނަ ހަތީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުމެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް