އަމިއްލަ ޕާޓީގެ ގިނަ މީހުން ވެސް ބޭނުމީ ބައިޑެން ވާދަ ނުކުރަން

އެމެރިކާގެ ރައީސް ޖޯ ބައިޑެން. އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެއްވުމަށް ގިނަ ބަޔަކު އަންނަނީ ބައިޑެންއަށް ގޮވައިލަމުން -- ފޮޓޯ/އިންގްލިޝް އަރަބިއާ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ ރިޔާސީ ރޭހުން ބައިޑެން ވަކިވެވަޑައިގަންނަވަން ކަމަށް ބުރާސްފަތި ދުވަހު އާންމުކުރި ޕޯލަކުން ދައްކައިފިއެވެ.

ޕޯލްގައި ބައިވެރިވި ޑިމޮކްރެޓުންގެ ގާތްގަނޑަކަށް 56 ޕަސެންޓާއި އެމެރިކާގެ ތިންބައިކުޅަ ދެބައި މީހުން ބޭނުންވަނީ ވައިޓް ހައުސްގެ ރޭހުން ބައިޑެން ވަކިވެވަޑައިގަތުމަށެވެ.

ބައިޑެންގެ ބަދަލުގައި ނާއިބު ރައީސް ކަމަލާ ހެރިސް ރައީސް ކަމަށް ވަޑައިގަތުން ފެންނަ ކަމަށް 49 ޕަސަންޓު މީހުން ބުނެފައިވެއެވެ. އާ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 85 ޕަސެންޓް މީހުން ބުނީ ބައިޑަން ދެވަނަ ދައުރަކަށް އިންތިޚާބުވާން މާ މުސްކުޅިވެފައިވާ ކަމަށެވެ.

އޭގެ ކުރިން އޭޕްރީލް މަހު ނެގި ޕޯލަކުން ދައްކާ ގޮތުން 81 ޕަސެންޓު މީހުން ވަނީ އެ ގޮތަށް ބުނެފައެވެ. އަދި، މީގެ އަހަރެއްހާ ދުވަސް ކުރިން 68 ޕަސެންޓް މީހުން ވަނީ ރައީސްކަން ކުރެއްވުމަށް ބައިޑެން މާ މުސްކުޅި ކަމަށް ބުނެފައެވެ.

ޑިމޮކްރެޓުންގެ އިތުރުން ނުފޫޒުގަދަ، ކުރީގެ ހައުސް ސްޕީކަރު ނޭންސީ ޕެލޯސީ ހިމެނޭ ގޮތަށް އިތުރު މީހުން ވެސް ވަނީ ބައިޑަންގެ މުސްތަގުބަލާ މެދު އަވަސް ނިންމުމެއް ނިންމަން ޖެހޭ ކަމަށް ފާހަގަކޮށް، ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވުމަށް ގޮވައިލައިފައެވެ.

ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީ ވެސް ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިތުމަށް ބައިޑެންއަށް ގޮވައިލައިފައެވެ.

ބައިޑެން ވަނީ މީގެ ކުރިން އެމެރިކާގެ ރައީސްކަން ކުރެއްވި ރައީސުންނަށްވުރެ މަދުން ނޫސްވެރިންގެ ބައްދަލުވުންތައް ދެއްވާފައި ކަމަށާއި އިންޓަވިއުތައް މަދު ކަމަށް ބުނެ ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެ ކަންކަމުގެ އަސްލަކީ ބައިޑެންގެ އުމުރާއި، ސިއްޚަތު ކަމަށް ވެސް އެ މީހުން ބުނެއެވެ.

އުމުރުން 81 އަހަރުގެ ބައިޑެންގެ ސިއްޚަތާ މެދު މި ފަހުން ކަންބޮޑުވުން ފާޅުކުރީ އެމެރިކާގެ ރިޔާސީ ބަހުސަށް ފަހުއެވެ. ބަހުސްގައި އިދިކޮޅު ލީޑަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވި ބަހުގެ ހަމަލާތަކަށް ބައިޑެނަށް ރަނގަޅަށް ރައްދު ނުދެވި، ހާސްވެ، މަޑުޖެހިފައި ހުރި މަންޒަރު ވަނީ ފެނިފައެވެ.

comment ކޮމެންޓް