އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ދެމަފިރިން އިންޑިއާއަށް ދިއުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ޕްރިޔަންކާއާއި ނިކް ޖޯނަސް މުމްބާއީ އެއަޕޯޓުން ނުކުތް މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ގިނަ ބަޔަކު ވަނީ ޕްރިޔަންކާއާއި ނިކަށް މަރުހަބާ ކިޔާފައެވެ.
މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީއާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފުލާއަށް އާދެވުނުއިރު ބަތަލާގެ ދެބެއިންގެ ދެދަރި ކޮއްކޮ ޕަރިނީތީގެ ކައިވެނީގެ ހަފުލާއަށް ނާދެވުނީ ކީއްވެތޯ ވެސް އެއްބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ފިރިމީހާ ނިކާ ކައިވެނިކުރުމަށް ފަހު ޕްރިޔަންކާގެ ދިރިއުޅުން އެމެރިކާގެ ލޮސް އެންޖަލިސްއަށް ބަދަލުކޮށްފައިވާއިރު ބަތަލާ އިންޑިއާއަށް ގޮސްފައިވަނީ ވަރަށް މަދުންނެވެ. އިންޑިއާއަށް ދިޔަ ނަމަވެސް މާ ގިނަ ދުވަހު އަމިއްލަ ޤައުމުގައި ނުހުރެވޭތީ އެ ކަމާ ވަރަށް ބޮޑަށް މާޔޫސްކުރުވާ ކަމަށް މީގެ ކުރިން ވެސް ބަތަލާ ވަނީ ބުނެފައެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ނުފޫޒުގަދަ ގިނަ ބަޔަކު މިއަދު އޮންނަ ކައިވެނީގެ ހަފުލާގައި ބައިވެރިވާނެއެވެ. މި ކައިވެނީގެ ރަސްމީ ހަފުލާ އޮންނާނީ މުމްބާއީގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.
މި ކައިވެންޏާ ގުޅިގެން ބޭއްވޭ ތަފާތު އެކި ހަރަކާތްތައް މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ޖިއޯ ސެންޓަރުގައި ބާއްވަމުން އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަމްބާނީ އާއިލާގެ އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަނަންތާއި ރާދިކާގެ ކައިވެންޏާ ގުޅިގެން ތަފާތު އެކި ހަރަކާތްތައް މި އަހަރު ފެށުނީއްސުރެ އަންނަނީ ބާއްވަމުންނެވެ.
މި ހަރަކާތްތަކުގައި މުޅި ބޮލީވުޑްގެ އޭ-ލިސްޓު ތަރިން ފެނިފައިވާއިރު އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ސިޔާސީ އިސް ވެރިންނަށް ކުޅިވަރު ދާއިރާގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ވަނީ ބައިވެރިވެފައެވެ.