ރަޝިއާ ބަލިކުރަން ނޭޓޯއިން ޔޫކްރެއިނަށް ބޮޑު އެހީއެއް ދެނީ

ނޭޓޯގެ ސަމިޓްގައި އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އާއި އެމެރިކާގެ ރައީސް

ވޮޝިންޓަން (11 ޖުލައި 2024): ރަޝިއާ އަސްކަރީ ގޮތުން ބަލިކުރަންޖެހޭ ކަމަށާއި މި ކަން ކުރުމަށްޓަކައި ޔުކްރެއިނަށް 60 ބިލިއަން ޑޮލަރުގެ އަސްކަރީ އަދި އިގުތިސާދި އެހީ ދޭން އެމެރިކާގައި ކުރިއަށްދާ ނޭޓޯގެ އިސްވެރިންގެ ސަމިޓުން ނިންމައިފިއެވެ.

ވޮޝިންޓަންގައި ކުރިއަށްދާ ނޭޓޯގެ ސަމިޓުގައި ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، ޔުކްރެއިނުގައި އަސްކަރީ ގޮތުން ރަޝިއާ ބަލިކުރުން ނޫންގޮތެއް ޔުކްރެއިނަށާއި ނޭޓޯއަށް ވެސް ނެތް ކަމަށެވެ. މި ކަމަށްޓަކައި ޔުކްރެއިނަށް 60 ބިލިއަން ޑޮލަރުގެ އަސްކަރީ އަދި އިގުތިސާދި އެހީތައް ދިނުމަށް ނޭޓޯގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން މި މޭރުމުން ވާހަކަދައްކަވާފައިވާއިރު އެމެރިކާއަށް އެންމެ ބޮޑަށް ބޯލަނބާ ޔޫރަޕްގެ ގައުމުތަކުންނާއި ޚުދު އެމެރިކާއިންވަނީ ސީދާ ރަޝިއާއަށް ހަމަލާ ދިނުމަށްޓަކައި ނޭޓޯއިން ދޭ ބަރު ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ޝަރުތެއްނެތި ޔުކްރެއިނަށް ދީފައެވެ.

ނޭޓޯގެ ސަމިޓްގައި ވާހަކަދެއްކެވި ޖަރުމަނާއި އިނގިރޭސިވިލާތާއި ޕޮލެންޑް ފަދަ އެމެރިކާގެ ބާރާއި ނުފޫޒު އެންމެ ގަދަ ގައުމުތަކުގެ އިސްވެރިންވަނީ އެ ގައުމުތަކުން ޔުކްރެއިނަށްދޭ ހަތިޔާރުން ސީދާ ރަޝިއާއަށް ހަމަލާދިނުން އެންމެ ރަނގަނޅުކަން ޔުކްރެއިނަށް އަންގާފައިވާނެކަން ހާމަކުރައްވާފައެވެ.

ނޭޓޯގެ ލީޑަރުން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް ވަނީ އެމެރިކާއިން ޔުކްރެއިނަށް ދޭ އެފް-16 ގެ ފައިޓާޖެޓުން ސީދާ ރަޝިއާއަށް ހަމަލާދިނަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުން ނޫންގޮތަކަށް ޔޫރަޕަށް އަމާންކަން ނުލިބޭނެކަމަށް ވިދާޅުވެ، ވަރަށް ހަރުކަށިކޮށް ވާހަކަދައްކަވާފައެވެ.

ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީގެ ވެރިކަމުގައި ޔުކްރެއިންގެ އިދިކޮޅު ފަރާތްތަކުގެ އަޑުތައް ކަނޑުވާލައި އިދިކޮޅު ގިނަ ލީޑަރުންވަނީ ހައްޔަރުކޮށްފައެވެ. ޔުކްރެއިންގެ ރައީސްގެ ރިޔާސީ މުއްދަތު ހަމަވެފައިވީ ނަމަވެސް ޒެެލެންސްކީ ގެންދަވަނީ އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދީ އޭނާގެ ފަރުދީ ވެރިކަން ދަމަހައްޓަމުންނެވެ. އެމެރިކާއާއި ޔޫރަޕް އޮންނަނީ އެ ދެ ފަރާތުގެ އަމިއްލަ މަސްލަހަތަށްޓަކައި ޒެލެންސްކީގެ ޚުދުމުޚުތާރު ވެރިކަމުގެ ސިފަތައް ފެންނަ ކަމަށް ނުހަދައި ލޯމަރާލައިގެންނެވެ.

ނަމަވެސް، ބޭރު ގައުމުތަކުގައި ދިރިއުޅޭ ޔުކްރެއިންގެ އިދިކޮޅު ބައެއް ފަރާތްތައް ބުނާގޮތުން ޒެލެންސްކީ ގެންދަވަނީ ނޭޓޯގެ ބޭނުމަށް ރަޝިއާ ބަލިކުރުމަށްޓަކައި (ނޭޓޯގެ މަސްލަހަތަށް) މުޅި ޔުކްރެއިން ގުރުބާން ކުރަމުންނެވެ. ޔުކްރެއިންގެ އާންމުން ބޭނުންވަނީ ރަޝިއާއާ ވާހަކަދައްކައިގެން ސުލްހަވެރި ގޮތެއްގައި މައްސަލަ ހައްލުކުރުމަށް ކަމަށާއި ރަޝިއާ އަސްކަރީ ގޮތުން ބަލިކޮށް ރަޝިއާގެ ފަރާތުން ނޭޓޯއަށް އޮންނަ ބިރު ކުޑަކުރުމަށްޓަކައި ރަޝިއާއާ ހަނގުރާމަކުރުމަކީ ޔުކްރެއިންގެ މަސްލަހަތު ނޫން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށް އެމެރިކާއިން ޔޫރަޕްގެ ބޮޑެތި ބާރުތަކުން ޔުކްރެއިނަށް ވާގިވެރިވެ، އެ ކަމަށް ހިތްވަރުދޭއިރު ރައްދުގައި ރަޝިއާއިން ގެންދަނީ ޔުކްރެއިނަށް ވޭންދެނިވި ހަމަލާތަކެއް ދެމުންނެވެ. މި ހަފުތާގައި ޔުކްރެއިނުން ރަޝިއާގެ އެތެރެއަށް ހަމަލާތަކެއް ދިނުމުން ރަޝިއާއިން ވަނީ ޔުކްރެއިންގެ ބޮޑެތި ސިޓީތަކަށް ވަރުގަދަ ހަމަލާތަކެއްދީ 20 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.

ނޭޓޯގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމަށް ހުޅަނގުގެ ލީޑަރުން ޔުކްރެއިނަށް ހިތްވަރުދޭތީއާއި ނޭޓޯގެ ބަރު ހަތިޔާރުން ޔުކްރެއިނުން ރަޝިއާއަށް ހަމަލާދޭތީ އެ ކަމަށް ރައްދުދިނުމުގެ ގޮތުން ރަޝިއާއިން ވަނީ އެމެރިކާއާއި ޔޫރަޕާ އިދިކޮޅު ފަރާތްތަކަށް ރަޝިއާއިން ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ރަޝިއާގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ވެސް ބޭނުންކުރާނެކަމުގެ އިންޒާރު ރަޝިއާގެ އެކި މަސްއޫލުވެރިން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް