ވެނެޒުއޭލާގެ ތެލުގެ ރިޒާވްގެ ތެރެއިން 65 ބިލިއަން ފީފާގެ ތެޔޮ ކޮންޓްރޯލްކުރުމަށް އެމެރިކާއިން އެ ގައުމާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ތެލުގެ ރިޒާވް ދެގުނައަށް ވުރެ އިތުރުވެ، އާންމުންނަށް ޕެޓްރޯލް ލިބޭ އަގު ވަރަށް ބޮޑަށް ހެޔޮވާނެއެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، މިއީ އެ ގައުމުގެ އިގުތިސާދު އަލުން ކޮޅަށްޖެހުމަށް މަގުފަހިކޮށްދޭނެ ތާރީހީ އެއްބަސްވުމެކެވެ. އޭނާ ވިދާޅުވީ 25 އަހަރުގެ މުއްދަތަށް ދެމިއޮންނާނެ މި އެއްބަސްވުމުގެ ދަށުން، ދުވާލަކު 1.5 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމަށެވެ. އަދި 17 ތެޔޮވަޅެއް ތަރައްގީކުރުމަށް 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ލިބި، ޓެކުހުގެ ގޮތުގައި 209 ބިލިއަން ޑޮލަރު ވެނެޒުއޭލާއަށް ލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލަކު ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަމިއްލަ ކުންފުންޏަކާއެކު ހަދާ ޖޮއިންޓް ވެންޗާއެއްގެ 55 ޕަސެންޓް ކޮންޓްރޯލް އޮންނާނީ އެމެރިކާ ސަރުކާރަށެވެ. އަދި ތެޔޮވަޅުތައް ހިންގުމަށް 100 އަހަރުގެ ކޮންސެޝަނެއް ރޮޑްރިގޭޒް ދެއްވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އިސްވެ ތިއްބަވައިގެން ވެނެޒުއޭލާގެ ލީޑާޝިޕާއެކު މި އެއްބަސްވުމަށް އައީ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކަމަށާއި، މިއީ އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދެއް ހިނގާނެ ކަމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ވެނެޒުއޭލާގެ ތެލުގެ ރިޒާވްގެ ބޭނުން ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ނިއުޔޯކްގައި ޝަރީއަތް ހިންގުމަށްޓަކައި ވެނެޒުއޭލާގެ އޭރުގެ ރައީސް ނިކޮލަސް މަޑޫރޯ މިދިޔަ ޖެނުއަރީ މަހު އެމެރިކާއިން ހައްޔަރުކުރުމަށް ފަހުގައެވެ. އީރާން ހަނގުރާމައާ ގުޅިގެން ޕެޓްރޯލްގެ އަގު އުފުލިފައިވާތީ، އެކަން ހައްލުކުރުމަށް ޓްރަމްޕަށް ވަނީ އެތެރޭގެ ޕްރެޝަރު ބޮޑުވެފައެވެ.
ނަމަވެސް، މި އެއްބަސްވުމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. ވެނެޒުއޭލާގެ އިދިކޮޅު މެންބަރެއް ކަމަށްވާ އެންރީކޭ ކަޕްރިލޭސް ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނާއި ކަންކަން ސިއްރުކުރުމުގެ ސަބަބުން މި އެއްބަސްވުމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށާއި، މީގެ ގާނޫނީ އަސާސަކީ ކޮބައިކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެނާޖީ ކޮންސަލްޓަންސީއެއްގެ ރައީސް ޑޭވިޑް ގޯލްޑްވިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ބޭރު ގައުމެއްގެ ތެޔޮވަޅުތަކެއް ހިންގުމަށް އެމެރިކާ ސަރުކާރުން ލީސް އެއްބަސްވުމަކަށް ދިއުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ވެނެޒުއޭލާގެ ސިޔާސީ ހަމަނުޖެހުމާއި، ކަރަންޓު ވިއުގަ ބަލިކަށިވުމުގެ ސަބަބުން މިއިން އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެ ކަމާމެދު އޭނާ ސުވާލު އުފެއްދިއެވެ.
ދަ ސެންޓަ ފޯ ނިއު އެމެރިކަން ސެކިއުރިޓީގެ ރޭޗަލް ޒިއެމްބާ ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުރިއަށް އޮތް މަހެއް ނުވަތަ އަހަރެއްގެ ތެރޭގައިވެސް ދުނިޔޭގެ ތެލުގެ ސަޕްލައިއަށް މީގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ވެނެޒުއޭލާގެ ތެލަކީ ސާފުކުރަން އުނދަގޫ އަދި ޑީސަލް އާއި ތާރު ހެދުމަށް ބޭނުންކުރާ ބާވަތުގެ ތެލަކަށް ވާއިރު، އެމެރިކާއިން އާންމުކޮށް އުފައްދަނީ ޕެޓްރޯލް ހެދުމަށް ބޭނުންކުރާ ލުއި ތެލެވެ. ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ވެނެޒުއޭލާގައި 303 ބިލިއަން ފީފާގެ ތެޔޮ ހުރި ކަމަށް ލަފާކުރެވެއެވެ. އެމެރިކާގެ ހަކަތައާ ބެހޭ ކުންފުނިތައް ކަމަށްވާ ޝެވްރޯން އަދި ހެލިބާޓަން އިން ވެނެޒުއޭލާގެ ތެޔޮވަޅުތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބިލިއަނުން އިންވެސްޓްކުރުމުގެ އެއްބަސްވުންތަކަކާ ގާތްވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓުކޮށްފައެވެ.