އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ރެގިއުލޭޓް ކުރުމުގައި ހަރުކަށި އުސޫލުތައް ނުގެންގުޅުމަށާއި، އެ ޓެކްނޮލޮޖީއަށް ހާއްސަކޮށްގެން އާ ގަވާއިދުތައް ހެދުމުން ދުރުހެލިވުމަށް އެމެރިކާއިން ޖީ20 ގެ މެންބަރު ގައުމުތަކަށް ގޮވާލައިފިއެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާގެ ޗެޕަލް ހިލްގައި ކުރިއަށްދާ ޖީ20 އިނޮވޭޝަން މިނިސްޓީރިއަލް ބައްދަލުވުމުގައި ޓެކްނޮލޮޖީ ދާއިރާގެ އިސް ވެރިންނާއި ވިޔަފާރިއާ ބެހޭ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.
އެމެރިކާ ސަރުކާރުން ބާރުއަޅަމުންދާ މި އުސޫލަކީ އެ ގައުމުގެ ބޮޑެތި އޭއައި ކުންފުނިތަކުގެ ވިސްނުމާ އެއްގޮތް ވިސްނުމެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގިނަ އޭއައި ކުންފުނިތަކަކީ އެމެރިކާގެ ކުންފުނިތަކަށް ވާއިރު، ހަރުކަށި ގަވާއިދުތަކުގެ ސަބަބުން އާ މޮޑެލްތައް ނެރުން ލަސްވެ، ވިޔަފާރީގެ ފައިދާއަށް އަސަރުކޮށްފާނެތީ އެ ކުންފުނިތަކުން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގައި ލުއި އުސޫލުތަކެއް ގާއިމުކުރުމަށެވެ.
މި ބައްދަލުވުމުގެ ކޯ-ހޯސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމެރިކާގެ ޓެކް އެޑްވައިޒަރު މައިކަލް ކްރެޓްސިއޯސް ވަނީ "ކެރޮލައިނާ ޕްރިންސިޕަލްސް" ބަލައިގަތުމަށް ގައުމުތަކަށް ހުށަހަޅާފައެވެ. މި އުސޫލުގައި ބަޔާންކޮށްފައިވަނީ އޭއައިއަށް މުޅިން އާ ގަވާއިދުތަކެއް އެކުލަވައިލުމުގެ ބަދަލުގައި، ހަމައެކަނި ކުރިމަތިވާ މުޅިން އާ ހާލަތްތަކަށް ހާއްސަކޮށްގެން ފިޔަވަޅު އެޅުމަށެވެ. އޭނާ ވިދާޅުވީ އާ ކޮންމެ އީޖާދަކީ މުޅިން އާ ސިޔާސީ މައްސަލައެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށެވެ. ޗައިނާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޔިން ހެޖުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، ޗައިނާ ސަރުކާރުން މި އުސޫލުތަކުގައި ސޮއިކޮށްފައިވާ ކަމަށް ކްރެޓްސިއޯސް މައުލޫމާތު ދިނެވެ.
މި ސަމިޓުގައި ވާހަކަދައްކަވަމުން މެޓާގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ އާންމުކޮށް ކޯޑު ލިބެން ހުންނަ 'އޯޕަން-ވެއިޓް' އޭއައި މޮޑެލްތައް ގައުމުތަކުން ހިފަހައްޓައި ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ. ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ހަރުކަށި ގަވާއިދުތަކުގެ ސަބަބުން ކުންފުނިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމަށެވެ. މީގެ އިތުރުން ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ބޮޑު ހަކަތަ ފޯރުކޮށްދިނުމަށްޓަކައި އާ ހަކަތައިގެ ވަސީލަތްތައް ތަރައްގީކުރުމަށް މަސްކް ގޮވާލިއެވެ.
ގޫގަލް ޑީޕްމައިންޑްގެ ޑެމިސް ހަސާބިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަނީ އޭއައި ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ސޭފްޓީ ޓެސްޓުތަކެއް ހެދުމުގެ ނިޒާމެއް ގާއިމުކުރުމަށް ޖީ20 ގެ އޮފިޝަލުންނަށް ގޮވާލައްވާފައެވެ. އަދި އެންތްރޮޕިކްގެ ކޯ-ފައުންޑާ ޓޮމް ބްރައުންގެ އިތުރުން އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން އާއި އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އޭއައި ރެގިއުލޭޓް ކުރުމާ މެދު ގައުމުތަކުން ބަހުސްކުރަމުންދާއިރު، އޭއައި ދާއިރާގައި އެމެރިކާއަށް އޮތް ވާދަވެރިކަން ޗައިނާއިން ދަނީ ވަރުގަދަކުރަމުންނެވެ. ޗައިނާގެ އޯޕަން-ވެއިޓް މޮޑެލްތަކުގެ ގާބިލުކަން އިތުރުވަމުންދާތީ، ދުނިޔޭގެ ގައުމުތައް އެމެރިކާގެ ޓެކް ނިޒާމުގެ ތެރޭގައި ބޭތިއްބުމަށް އެމެރިކާ ސަރުކާރުން ބޭނުންވެއެވެ.
އަނެއްކޮޅުން، އޭއައި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޑޭޓާ ސެންޓަރުތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ މި ބައްދަލުވުން ކުރިއަށްދިޔަ ސަރަހައްދު ބޭރުގައި އާންމުންގެ ބަޔަކު ވަނީ އަޑުއުފުލައި އިހުތިޖާޖުކޮށްފައެވެ.