''ދަރުމާގެ ފިލްމުތަކަށް ޤާނޫނީ މައްސަލަތައް ކުރިމަތިނުވާނެ''

ދަރުމާ ކުންފުނީގެ އިސްވެރިޔާ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ ދުވަސްވީ ދަރުމާ އެންޓަޓެއިންމަންޓްއިން ތައްޔާރުކުރާ ކޮންމެ ސްކްރިޕްޓަކީ ވެސް ލީގަލް ސެންސާޝިޕްގެ މަރުހަލާ ނިންމުމަށް ފަހު މަސައްކަތް ފަށައި ސްކްރިޕްޓްތައް ކަމަށް އެ ކުންފުނީގެ ވެރިޔާ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

ލީގަލް ސެންސަޝިޕްގެ މަރުހަލާ އަކީ ފިލްމެއް އުފެއްދުމުގެ ކުރިން އެއްވެސް ބައެއްގެ ފަރާތުން ދިމާވެދާނެ ޤާނޫނީ މައްސަލަތަކުން އެ ފިލްމެއްގެ ސްކްރިޕްޓު ރައްކާތެރި ކުރުމަށް ނިންމާ މަރުހަލާއެކެވެ. ފިލްމެއްގެ މަސައްކަތް ފެށުމަށް ފަހު އެ ފިލްމުގެ ކްރޫއިން ގޮވައިގެން އެއްވެސް ބަޔަކު ކޯޓަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭން ބޭނުންނުވާ ކަމަށާއި އެ ކަމަށް އެހީތެރިވުމަށް ދަރުމާގައި ޚާއްސަ ޤާނޫނީ ޑިޕާޓްމަންޓެއް ވެސް ޤާއިމުކުރެވިފައިވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ޖޯހަރު ދަރުމާ ކުންފުނީގެ ބައެއް އިސް ހިންގުންތެރިންނާ އެކު--ފޮޓޯ/ވެރައިޓީ

މި މަރުހަލާ ކުރިއަށް ގެންދަނީ އެއްވެސް މީހަކު ދެކެ ބިރުން ނޫން ކަމަށާއި ނަމަވެސް ފިލްމުގެ ކްރޫއިން އިތުރަށް ސްޓްރެސްކޮށް އިތުރު ޕްރެޝައަކަށް ޓީމު ގެންދިއުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށް ވެސް ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ބޮލީވުޑްއިން އުފައްދާ ވަރަށް ގިނަ ފިލްމުތަކަށް ޤާނޫނީ މައްސަލަތައް ދިމާވެ ފިލްމުގެ ޕްރޮޑިއުސަރުން ކޯޓަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދުމަވާތު"، އެކްތާ ކަޕޫރުގެ "ދަ ޑާޓީ ޕިކްޗަ"، ޝާހިދު ކަޕޫރު މުހިއްމު ރޯލެއް ކުޅުނު ފިލްމު "އުޅްތާ ޕަންޖާބު" އަދި ފިލްމު "ރުސްތަމް" ހިމެނެއެވެ.

އިންޑިއާގެ ފިލްމު މެގަޒިންއަކަށް ކަރަން ދިން އިންޓަވިއުގައި ބުނެފައިވަނީ ބޮލީވުޑަކީ ޤާނޫނީ މައްސަލަތައް ޖައްސާ މީހުންގެ މެދުގައި ވަރަށް ފަސޭހަ ޓާގެޓެއް ކަމަށާއި އެއީ ގިނަ ބަޔަކު ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

ރީތި ލޯބީގެ ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު އެންމެ ފަހުން އުފައްދާފައިވާ ފިލްމަކީ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ރޮކީ އޯރު ރާނީކީ ޕްރޭމް ކަހާނީ"އެވެ. ކަރަން ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހު 19ގައި ރިލީޒްކުރާ ފިލްމު "ބޭޑް ނިއުސް"އެވެ.

comment ކޮމެންޓް