ލާމަރުކަޒީ ގާނޫނަށް އޮތީ ސިޔާސީ ނުފޫޒު ފޯރާފައި: މިނިސްޓްރީ

މޫސާ ފަތުހީ އާދަމް: އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ސިޔާސީކޮށްފައި އޮތް ކަމަށް -- ފޮޓޯ/ ލޯކަލް ގަވާނަންސް މިނިސްޓްރީ

ކުރީގެ ސަރުކާރުތަކާއި ސިޔާސީ ޕާޓީތަކުގެ ފިކުރު ލާމަރުކަޒީ ގާނޫނުގެ ތެރެއަށް ފޯރާފައިވާ ކަމަށާއި، މި ސަރުކާރުގެ ވިސްނުމަކީ މުޅި ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް ލޯކަލް ގަވާނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. އެ މާއްދާގެ ދަށުން ލާމަރުކަޒީ ގާނޫނެއް ވުދޫޖުކުރީ 2010ވަނަ އަހަރެވެ. އެ ގާނޫނަށް 13 އަހަރުވީއިރު، 11 ފަހަރަށް އެ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުހީ ވަނީ މިއަދާ ހަމައަށް އައިއިރު، ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެވުނު ނަމަވެސް، އެ ނިޒާމުގެ ތެރެއިން ހާސިލުވާންޖެހޭ މުހިންމު ކަންތައްތަކެއް ނުވެ އޮތްކަން ފާހަގަ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުތަކުންނާއި ސިޔާސީ ޕާޓީތަކުން ލާމަރުކަޒީ ގާނޫނު އެއްކޮށް އިސްލާހުކުރުމުގެ ބަދަލުގައި ގެނެސްފައިވަނީ އެ އިރެއްގައި އެ ސަރުކާރަކަށް ގެންނަން ފެންނަ ބަދަލެއް އެކަނި ކަމަށެވެ.

"ދަންނަވަން މި އުޅޭ އެއްޗަކީ މި ގާނޫނު ވެފައި މި އޮތީ، ސިޔާސީ ޕާޓީތަކުގެ ސިޔާސީ ފިކުރާއި، ސަރުކާރު ހިންގަން އޮންނަ ފަރާތުގެ ސިޔާސީ ފިކުރާއި، އަދި އެ ވަގުތަކަށް ރަނގަޅުކުރަން ވެއްޖެ ކަމަށް ފެނުނު ކަމެއް ރަނގަޅު ކުރުމޭ. އެއަށްވުރެ ބޮޑަށް ރައީސް ޑރ.[މުޙައްމަދު] މުޢިއްޒުގެ ވިސްނުންފުޅަކީ މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އޭގެ ހައްލުތައް ހޯދައިދިނުމޭ،" ފަތުހީ ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން، ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ރަށްރަރަށް ވަޑައިގެންނާއި، މާލޭގައި ވެސް ވަރަށް ގިނަ ކައުންސިލްތަކާ މިހާތަނަށް ބައްދަލުކުރައްވާފައިވެއެވެ.

ފަތުހީ ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގައި އެންމެ ގިނައިން އިވިގެންދިޔަ ޝަކުވާއަކީ ކައުންސިލް އިދާރާތަކުގެ ވަސީލަތްތައް މަދުކަމާއި، އެ ތަންތަނުގެ އިމާރާތުގެ ހާލަތު ދެރަވުމެވެ.

"މި ހުރިހާ ބައްދަލުންތަކަކުން އެންމެ ގިނައިން އަޑުއެހި އެއް ވާހަކައަކީ ކައުންސިލް އިދާރާތަކުގެ ހާލަތު ދަށްވި ވާހަކަ. އިމާރާތުގެ، ވަސީލަތްތަކުގެ. އުމްރާނީ ވަސީލަތްތައް ވަރަށް ބޮޑަށް ދަށު ދަރަޖައިގައި ހުރި ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ފަތުހީ ވިދާޅުވީ، ސަރުކާރުން ބެލިބެލުމުން 100އަށްވުރެ ގިނަ ކައުންސިލް އިދާރާގެ އިމާރާތް ހުރީ މި ހިނދުން މި ހިނދަށް ބޮޑު މަރާމާތެއް ކުރަން ޖެހިފައި ކަމަށެވެ. އޭގެ ތެރެއިން ގިނަ ތަންތަން ހުރީ އަލުން އިމާރާތް ކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުންވަނީ ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ ޚާއްސަ މަޝްރޫއެއް އެކުލަވާލައިފައެވެ. އޭގެ ތެރޭގައި އަލުން ހެދުމަށް ބަޖެޓުގައި ހިމަނާފައިވާ ކައުންސިލް އިދާރާތަކުގެ އިތުރުން، އަލަށް އިތުރު 50 ކައުންސިލް އިދާރާއެއް ހެދުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށް ފަތުހީ ވިދާޅުވިއެވެ. މި ކަމަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލް އިދާރާތަކުގެ މަރާމާތަށާއި، މުޅީން އަލަށް އިމާރާތްކުރަން ޖެހިފައިވާ ކައުންސިލް އިދާރާތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ސަރުކާރުން މިހާރުވަނީ ގައުމުގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ރައީސް ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހަޅުއްވާނެކަން އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް