އާބަން ޑިވެލޮޕްމަންޓް ބިލާމެދު ޑިމޮކްރެޓްސް؛ މިއީ ލާމަރުކަޒީ ނިޒާމަށް "ހިޔަނި އެޅޭ" ބިލެއް

ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން -- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައި އޮތް އާބަން ޑިވެލޮޕްމަންޓުގެ ބިލަކީ ލާމަރުކަޒީ ނިޒާމަށް "ހިޔަނި އެޅޭ" ފަދަ ބިލެއްގެ ގޮތުގައި ސިފަކޮށް، ގިނަ ކަންބޮޑުވުންތަކެއް ދަ ޑިމޮކްރެޓްސްއިން ފާޅުކޮށްފިއެވެ.

އާބަން ޑިވެލޮޕްމަންޓުގެ ބިލާމެދު އާންމުން ދެކޭ ގޮތް ހޯދުމަށް ޓަކައި މިހާރުވަނީ ޚިޔާލަށް ވެސް ހުޅުވައިލައިފައެވެ.

އެއާއެކު، މިހާރު ސިޔާސީ ގޮތުން ހިމޭނުން އޮތް ޑިމޮކްރެޓްސްއިން އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި އެ ބިލު މިހާރު އޮތް ގޮތުން، އާބަން ސަރަހައްދުތައް ކަމަށް ކަނޑައަޅާ ސަރަހައްދުތައް ޕްލޭންކުރުމުގައި ކައުންސިލްތަކުގެ ބާރު އެއްވަރަކަށް ވެސް ނެތް ކަމަށެވެ.

އެގޮތަށް އެ ބިލު މަޖިލީހުން ފާސްވެއްޖެނަމަ ގާނޫނުއަސާސީ ތަސައްވަރުކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ، އާބަން ސެންޓަރުތައް ކަމަށް ކަނޑައެޅޭ ސަރަހައްދުތަކަށް އެކީ ނެތިދާނެތީ ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ ގުޅީފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރުފަޅު ހިއްކައި، އާބަން ސެންޓަރުތަކެއް ތަރައްގީކުރަން "ފައި ނަގާ" އިރު އެ ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރަން ނިންމައިފައި އޮތީ ހުޅުމާލެ ޕްލޭންކޮށް ތަރައްގީކުރި ގޮތާ ޚިލާފަށް ކަމަށް ތުހުމަތުކޮށްފައެވެ.

އަދި، އެ ކަން ހިންގަން ވާނީ ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނެ ކަމަށް ބަޔާންކުރާ ލާމަރުކަޒީ އުސޫލުންކަމަށް އެ ޕާޓީއިން ދެކޭ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

އެއާއެކު، ލާމަރުކަޒީ ނިޒާމުގެ ބޭރުން، ޑިމޮކްރެޓިކް ކޮންޓްރޯލް ނެތި ހޯދޭނެ އާބަން ނުވަތަ އެހެން އެ ފަދަ ތަރައްގީއެއް ވެސް ނެތްކަން އިންސާނީ ތަޖުރިބާ ދައްކާ ކަމަށް ބުނެފައިވެއެވެ.

އެ ޕާޓީން ވަނީ ލާމަރުކަޒީ ނިޒާމަށް "ހިޔަނި އެޅޭހެން" ލޯކަލް ކައުންސިލްތަކުގެ ބާރު ގެއްލޭހެން އާބަން ޑިވެލޮޕްމަންޓް ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ގޮވައިލައިފައެވެ.

އެގޮތުން އެ ކަމަށް ފުޅާ ދާއިރާއެއްގައި، ކައުންސިލްތައް ހިމެނޭހެން މަޝްވަރާކޮށް، ކައުންސިލްތަކުގެ ބާރުއެކީ ކަނޑުވާލާނެ ފަދަ ގޮތަކަށް މިހާރު މި ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް