އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނާއެކު ސްޓެލްކޯއިން ފިހާރައެއް ހުޅުވަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނާއެކު ސްޓެލްކޯއިން ފިހާރައެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނު އެއްތަނަކުން ލިބޭގޮތަށް ސްޓެލްކޯއިން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ފިހާރައިގެ ޝޯރޫމް ހެދުމަށް ނިންމާފައިވަނީ ސްޓެލްކޯ އިމާރާތުގެ ތިރީގައި ހުންނަ ފިހާރައާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ "ސަން"އަށް ވިދާޅުވީ އަލަށް ހަދާ ޝޯރޫމުގައި 8،000 އަކަފޫޓު ހުންނާނެ ކަމަށާއި، އެ ތަން ހެދުމުގެ މަސައްކަތަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ޓެންޑާކޮށްފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުގޮތުގައި އަލަށް ހަދާ ސްޓެލްކޯގެ ޝޯރޫމުން އިންޖީނުގެއަކަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެއެވެ. އެ ގޮތުން އިންޖީނާއި ޓްރާންސްފޯމަރާއި އިތުރު ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ފިހާރައަކީ އާންމު ވިޔަފާރިވެރިން ކުރާ ހާޑުވެއާގެ ވިޔަފާރިއެއް ނޫން ކަމަށެެވެ. އެ ތަނުން ޚިދުމަތް ލިބޭނީ ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަން އެއްކޮށް ތަރައްގީކޮށް ނިމޭނެ ދުވަހެއް ވިދާޅުނުވިޔަސް، ވަރަށް އަވަހަށް އެ ތަނުގެ މަަސައްކަތް ނިމި، ޝޯރޫމް ހުޅުވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަހުމީ ވިދާޅުވި ގޮތުގައި އެ ތަން ހެދުމުގެ މަސައްކަތް ކުރާނީ ވެސް ސްޓެލްކޯގެ މުވައްޒަފުންނެވެ.

ސްޓެލްކޯގެ ވިސްނުމަކީ ކުންފުނީގެ މުވައްޒަފުން އައުޓްސޯސްނުކޮށް، ކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތިނުކޮށް، ކުންފުނީގެ އާމްދަނީ އިތުރު ކުރުން

ފަހުމީ ވިދާޅުވި ގޮތުގައި މިހާރު ހުންނަ ސްޓެލްކޯގެ ފިހާރަ، ކަސްޓަމާ ސާވިސް ސެންޓަރަކަށް ބަދަލު ކުރުމަށް އޮތީ ނިންމާފައެވެ. ސްޓެލްކޯގެ އިމާރާތުގައި މިހާރު ހުންނަ އެ ފިހާރަ ކަސްޓަމާ ކެއާއަށް ޚާއްސަކޮށް، އެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި އެ ކުންފުނިން ޚިދުމަތްދޭނީ އެއްވެސް މީހަކު ތަފާތުނުކޮށް ހަމަހަމަކަމާ އެކުގައެވެ.

comment ކޮމެންޓް