މަސްތުވާތަކެތީގެ މައްސަލައެއްގައި އަތުލި ފޯނު ވެރިމީހާއަށް ހަވާލު ކުރުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނު ހިފަހައްޓާފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ވެރިމީހާއަށް ހަވާލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައިވާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތުކޮށް، ފުލުހުންވަނީ ޅ. ހިންނަވަރު، ކެލައިމާގޭ ޢަލީ ޔޫސުފް ދިރިއުޅޭ މ. ޕެޓީވިލާގެ ބަލައި ފާސްކޮށް، ރެޑްމީ ބްރޭންޑުގެ މޮބައިލް ފޯނެއް ހިފަހައްޓާފައެވެ. އެހެން ނަމަވެސް އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިފައިނުވާއިރު، މަސްތުވާތެކެއްޗަށް އޭނާ ޕޮޒިޓިވްވެފައެއް ވެސް ނުވެއެވެ.

މިއީ، އެ މައްސަލައިގެ ތަހުގީގު ނިމުމަށް ފަހު ވެސް އެ ފޯނު އަނބުރައި ޔޫސުފަށް ދީފައިނުވާތީ، މުދާ ހޯދުމުގެ އަމުރަށަކަށް އެދި އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

މ. ޕެޓީވިލާގެ ބަލައި ފާސްކޮށް، އެ ސީންއިން ފުލުހުން ހިފެހެއްޓީ 28،500 ރުފިޔާއާއި ރެޑްމީ ފޯނެކެވެ. އެހެން ނަމަވެސް އެ ފައިސާ އަނބުރައިދީފައިވާ ކަމަށް ޔޫސުފްވަނީ ކޯޓުގައި ބުނެފައެވެ. މި މައްސަލައިގައި އަލީ ޔޫސުފް ބުނެފައިވަނީ މައްސަލައިގައި ތަހުގީގަށްފަހު، ފޯނު އަނބުރައި ދިނުމަށް ފުލުހުންގެ ކިބައިން ލިޔުމުން އެދުމުން ވެސް، އެއްވެސް ސަބަބެއް ހާމަ ކުރުމަކާ ނުލައި ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.

ކޯޓުން ބުނީ ޔޫސުފްގެ މައްޗަށް އުފުލި ދަޢުވާގައި އެ ފޯނާއި ގުޅޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި، ފޯނު ހިފަހައްޓަން އަދި ފޯނުގެ ލޮކް ކޯޑު ދިނުމަށް އަންގައި، ކޯޓު އަމުރެއް ވެސް ނެރެފައި ނެތް ކަމަށެވެ. އެހެން ކަމުން މުދާ ހިފެހެއްޓޭނެ ހާލަތެއް މި މައްސަލައިގައި ނެތް ކަމަށާއި، އެ ގޮތުގެ މަތީން އަލީ ޔޫސުފްގެ ފޯނު ހިފެހެއްޓޭނެ ހަމައެއް ނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.

ޔޫސުފްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ފަހު، އެ ފޯނުގެ ލޮކް ކޯޑު ހޯދުމަށް އެދުމުން އޭނާ ލޮކް ކޯޑު ދިން ކަމަށް ކޯޓުން ބުނެފައިވެއެވެ. އެހެން ނަމަވެސް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އޭނާ ދިނީ ގޯސް ކޯޑެއް ކަމަށެވެ.

އެ ގޮތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދީ، ދޮގު ހެދުމަށް ފަހު، ހެކި ހުރި ޑިވައިސްތައް އަނބުރައި ހޯދުމުގެ ފުރުސަތު ލިބުމަކީ ދެވޭ ނުރަނގަޅު މެސެޖަކަށް ވެދާނެކަން ފުލުހުންގެ ފަރާތުންވަނީ ޝަރީޢަތުގައި ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ޔޫސުފްގެ ހާޒިރުގައި އޭނާގެ ފޯނުގެ ލޮކް ކޯޑު ހޯދުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ކޯޓު ހުކުމުގައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މ. ޕެޓީވިލާގެއިން ފުލުހުން ހިފެހެއްޓި ފޯނަކީ ޔޫސުފްގެ ފޯނެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އަދި ފުލުހުން އެ ފޯނު ހިފެހެއްޓީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ޔޫސުފަށް ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޖިނާޢީ އިޖުރާއަތުގެ ގާނޫނުގެ 37ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައި ވާގޮތުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް ފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އަދި އެ މުދަލަކީ ރާއްޖެއަށް ގެނައުން ނުވަތަ ރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، އެ މުދަލެއް އެ މުދަލުގެ ވެރި ފަރާތާ އަނބުރާ ހަވާލު ކުރުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށެވެ.

comment ކޮމެންޓް