އިނގިރޭސި ކޮންސުލްގެ ސައިކަލު ވަގަށް ނެގި މީހާއަށް 10 މަހުގެ ޖަލު ހުކުމެއް

މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް: ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ ސައިކަލު ވަގަށް ނެގި މީހާ ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ ސައިކަލު ވަގަށް ނެގި މީހާ 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރ. ކަނދޮޅުދުއަށް ނިސްބަތްވާ އަޙުމަދު އިރުޝާން، ކޮންސުލް ޑރ. ޕޯލް އާތާ ވެން ޑްރީސްގެ ސައިކަލު ވަގަށް ނެގީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު 10:30ހާއިރު، ބޮޑުތަކުރުފާނު މަގުގައި ހުއްޓައި ކަމަށެވެ.

އެ މައްސަލައިގައި އިރުޝާންގެ މައްޗަށް ވައްކަމުގެ ދެ ދައުވާއެއް ކުރިއެވެ. އެއީ ސައިކަލު ވަގަށް ނެގުމާއި ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނަގައިފައިވާތީ ވަކިން ކުރި ދެ ދައުވާއެވެ.

އޭނާ އެ ދެ ކުށަށް އިއުތިރާފުވެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ. އެހެންވެ، އެ މައްސަލަ އަވަސް ނިޔާއިން ކުރިއަށްގެންދިޔުމަށް ކޯޓުން ނިންމިއެވެ.

އެ އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ ސައިކަލު ވަގަށް ނެގި މައްސަލައިގައި އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށެވެ. އަދި އައިނު ވަގަށް ނެގި މައްސަލައިގައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް އެއްބަސްވުމުގައިވެއެވެ.

ކްރިމިނަލް ކޯޓުން ދެ ދައުވާއަށް ވެސް ހުކުމްކުރީ އެ އެއްބަސްވުމުގައި އޮތް މުއްދަތަށެވެ. ނަމަވެސް އިރުޝާން ތަހުގީގު މަރުހަލާގައި 15 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހޭދަކޮށްފައިވާތީ، ސައިކަލް ވަގަށް ނެގުމުގެ ދައުވާގެ ހުކުމަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފައިވެއެވެ.

މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު 3819 މައްސަލަ ހުށަހަޅައިފައިވާއިރު މިއަހަރު 1،899 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް