ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާ ކަންކަމަށް އެއްބާރުލުން ދޭނަން: ޗައިނާ ސަފީރު

ރައީސް މުއިއްޒު ޗައިނާ ސަފީރާ ބައްދަލު ކުރަައްވަނީ: ރާއްޖޭން މިވަގުތަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރުން އެއްބާރު ދޭނެ ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފަ---- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭން މިވަގުތަށް އެންމެ ކުރަން ބޭނުންވާ ކަންތައްތަކަށް ޗައިނާ ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

މިބައްދަލު ކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ، ރައީސް އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަމާއި އެއްބަސްވެވަޑައިގެންފައި ހުރި ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށް ގެންދެވެން ހުރި ގޮތްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވާފައިވާފައެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސްގެ ފަރާތްޕުޅުން ވަންގް ލިޒިން އޮޅުން ފިލުއްވާފައި ވާކަމަށެވެ. އަދި، އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރުގެ ފަރާތުން ވެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން ވެސް ދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރައްވާފައި ވާއިރު، ޗައިނާ ސަފީރުވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެއިތުރުން، ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެފައިވާއިރު، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްވެރިން ވެސް މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް