އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ތެރެއިން އުފެދޭ ގުޅުންތަކުގެ ސަބަަބުން ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެވެ.
ކޮންގެރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދަނޑިވަޅެއްގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެއާޕޯޓުގެ ތަރައްގީއަށާއި ވިޔަފާރި ފުޅާކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެއްކަމަށެވެ.
އަދި މި އިވެންޓުގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރާ، އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖެ މިއޮތީ އިގްތިސާދު އާ ހަރުފަތަކަށް ގެންދިއުމުގެ މަގުމަތީގަައި. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާއާ އެއް ހަމައެއްގައި ހިދުމަތް ދެވޭތަނަކަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ހެދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާ ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށާއި މިފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިޤްތިސާދު ތަރައްގީކޮށް، ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށެވެ.
މިއާއިއެކު އެއާ ސާވިސް ވޯލްޑް ކޮންގްރެސްއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ވަޒީރު ވަނީ ބައިވެރިންނަށް ގޮވާލާފައެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ ފަހަރެވެ.
މިއަހަރުގެ ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާއެކު ރާއްޖޭގައި ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާ ގުޅޭ މައުލޫމާތު ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބޭނެއެވެ.
މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ.