ލައިބީރިއާގެ ރައީސްގެ މުސާރަ 40 ޕަސަންޓު ކުޑަކޮށްފި

ލައިބީރިއާގެ ރައީސް ޖޯސެފް ބޮއަކައި. ފޮޓޯ/ބީބީސީ

ލައިބީރިއާގެ ރައީސް ޖޯސެފް ބޮއަކައިގެ މުސާރަ 40 ޕަސަންޓު ކުޑަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފިއެވެ.

ރައީސް ބޮއަކައި ފެބްރުއަރީ މަހު ހާމަކުރެއްވި ގޮތުގައި އޭނާއަށް ކޮންމެ އަހަރަކު ލިބެނީ 13،400 ޑޮލަރެވެ. ނަމަވެސް މުސާރަ 40 ޕަސަންޓަށް ކުޑަ ކުރުމުން ދެން ލިބިވަޑައިގަންނަވާނީ އަހަރަކު 8،000 ޑޮލަރެވެ.

ބޮއަކައިގެ މުސާރަ 40 ޕަސަންޓަށް ކުޑަކުރިއިރު، އޭނާގެ ކުރިން ވެރިކަން ކުރެއްވި ޖޯޖް ވީއާ ވަނީ އޭނާގެ މުސާރަ 25 ޕަސަންޓަށް ކުޑަކުރައްވައިފައެވެ.

ރައީސްގެ އެ ނިންމެވުމަށް އެ ގައުމުގެ ބައެއް މީހުން ތައުރީފް ކުރި ނަމަވެސް، އަނެއް ބަޔަކު ވަނީ ކޮންމެ ދުވަހަކު ލިބިލައްވާ އެލަވަންސާއި، މެޑިކަލް އިނާޔަތްތައް ވެސް ލިބިލައްވާއިރު، މުސާރަ ކުޑަ ކުރުމަކީ ރައީސް ހަގީގަތުގައި ވެސް ވެވަޑައިގަންނަވާ ގުރުބާނީއެއްތޯ ސުވާލުކޮށްފައެވެ.

މި އަހަރަށް ކަނޑައަޅައިފައިވާ ލައިބީރިއާގެ ރައީސް އޮފީހުގެ ޖުމްލަ ބަޖެޓަކީ ތިން މިލިއަން ޑޮލަރެވެ.

ފަހަކަށް އައިސް ލައިބީރިއާގެ ރައްޔިތުން ދިރިއުޅުމުގެ އަގު އުފުލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަތައް ހުރި ގޮތުން އެކަމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ލައިބީރީއާގެ ކޮންމެ ފަސް މީހުންގެ ތެރެއިން ގާތްގަނޑަކަށް އެކަކަކީ ދުވާލަކު ދެ ޑޮލަރަށްވުރެ މަދުން ލިބޭ މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް