ޓެކްނޮލޮޖީގެ އެހީގައި ޒުވާނުން ނިރުބަވެރިކަމުގެ ތެރެއަށް ވެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ ފެށުމަށް ބާއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކިއެކި ނިރުބަވެރި ހަމަލާތައް ހިންގާ މީހުން މި މުޖުތަމަޢުގެ ތެރޭގައި ވަނީ އުޅެން ފަށައިފައެވެ. އަދި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެ ފަދަ ނިރުބަވެރިކަމުގެ ތެރެއަށް އާ މީހުން ލެންބެވުމުގެ މަސައްކަތް ކުރަމުންދާކަން އެންމެން ވެސް ދަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މި ފަދަ ހަމަލާތައް ދީފައިވާ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
މި ފަހަކަށް އައިސް ރައްޔިތުން އާންމު ހާލަތުގައި ބޭނުންކުރާ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އާ މީހުން މި ފަދަ ނުރައްކާތެރި ހަރަކާތްތަކުގެ ތެރެއަށް އިންޑަކްޓް ކުރުމުގެ މަސައްކަތްތައް ހިންގަން ފަށައިފިކަން ވަރަށް ބޮޑަށް ފާހަގަވޭ
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފަދަ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތައް ބޭނުންކުރަން ފެށުމުން، އެ ކަމުގެ ޝިކާރައަކަށް އެންމެ ގިނައިން ވެގެންދަނީ ޒުވާނުން ކަމަށާއި، އެއީ ވަރަށް ބޮޑު ހިތާމައެކެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ އަަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތައް ކުރިޔަށްވުރެ ބޮޑު ކަމަށެވެ. އެހެން ނަމަވެސް އެ ކަން ހުއްޓުވުމަށްރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޓެކްނޮލޮޖީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން ރާއްޖޭގައި މިހާރު ވަރަށް އާންމެވެ. އެކި ދުވަސްވަރު ރާއްޖޭގައި ނިރުބަވެރި ހަމަލަތައް ދޭން މަސައްކަތް ކޮށްފައި އެބަހުއްޓެވެ.
އެ ފަދަ ކަންކަން ގިނައިން ކޮށްފައިވަނީ ހައްދުފަހަނަ އެޅި ވިސްނުންތަކަށް ތާއީދުކުރާ މީހުންނެވެ. އެންމެފަހުން މި ފަދަ ހަމަލައެއް ދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށެވެ.
އެ މަނިކުފާނަށް އެ ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބި އެތައް މަސްދުވަހެއް ފަރުވާ ހޯއްދެވުމަށް ހޭދަކުރެއްވިއެވެ.
އެ ހަމަލާ ދިނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވައިލައިގެންނެވެ.
ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީގެ މަގުސަދަކީ، ސަރުކާރުގެ އިސްވެރީންނާ އެކު ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތުގައި އިސްކަންދޭ ކަންތައްތަކާއި ސިޔާސަތުތައް ކުރިއެރުވުމަށް ޓަކައި މަޝްވަރާކޮށް، މައުލޫމާތު ބަދަލުކުރުމެވެ.