ސްޕެއިން ކޯޗުގެ އެންމެ ބޮޑު ބިރަކީ އެމްބާޕޭ، ޓީމާ މެދު އިތުބާރު އެބައޮތް

--

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަކީ އުނދަގޫ މެޗަކަށްވާނެ ކަމަށާއި އެއްކޮށް ފިޓު ނޫންކަމުގައިވީ ނަމަވެސް އެމްބާޕޭއާއި މެދު ސަމާލުވާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފިއެވެ.

އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ކުޅެމުންދަނީ މާސްކެއް އަޅައިގެންނެވެ. އޭނާއަކީ މުބާރާތުގައި މިހާތަނަށް ފްރާންސަށް ލަނޑެއް ޖަހައިދިން ހަމައެކަނި ޓީމުގެ ކުޅުންތެރިޔާ އެވެ. ދެން އެ ޓީމުގެ ލަނޑުތަކަކީ ބައިކޮޅަށް ވަދެފައިވާ ލަނޑުތަކެކެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ސްޕެއިން ކޯޗު ބުނީ ދަނޑުމަތީގައި އެމްބާޕޭގެ 50 އިންސައްތަ ކުޅުމަކީ އެހެން ކުޅުންތެރިންގެ 100 އިންސައްތަ ކުޅުމާ ދާދި އެއްވަރުގެ ކުޅުމެއް ކަމަށާއި އެއީ ގޮތްނޭނގޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ސްޕެއިންގެ ޓީމުގެ ފެންވަރާ މެދު އިތުބާރު އެބައޮތް ކަމަށްވެސް ކޯޗު ބުންޏެވެ.

ފްރާންސްގެ މެޗަކީ އުނދަގޫވާނެ މެޗެއް ކަމަށާއި މެޗުން ބަލިވިޔަސް، ސްޕެއިން އަކީ އެންމެ މޮޅު ޓީމުކަމަށް އޭނާ ގަބޫލްކުރާނެ ކަމަށެވެ. ފުއެންޓޭ ބުނީ، ސްޕެއިނުން ބޭނުންވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށް ކަމަށާއި، އެކަމަކު ކޮންމެ ނަތީޖާއެއް ނިކުތަސް އޭނާ ވަރަށް ބޮޑަށް އުފާވާނެ ކަމަށެވެ.

ސްޕެއިނުގެ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ރިކަވާ ވެއްޖެ ކަމަށާއި، ކޮންމެވެސް ވަރަކަށް ޓީމު ތެރޭގައި ކަންބޮޑުވުމާއި، ސްޓްރެސް އޮތްކަން ފުއެންޓޭ ފާހަގަކުރިއެވެ.

މެޗުގައި އޭނާގެ ކުޅުންތެރިންނަށް ފިޒިކަލީ ކުރިމަތިލާންޖެހޭ އުނދަގޫތަކުން އަރައިގަތުމަށް ޖެހޭނެ ވަކި ދަނޑިވަޅުތައް އަންނާނެ ކަމަށާއި، ފްރާންސަކީ މުބާރާތުގެ އެންމެ ފިޒިކަލް އެއްޓީމު ކަމަށްވީއިރު އެ ޓީމާ ދެކޮޅަށް ކުޅޭނެ ގޮތް އެނގޭ ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

ސެމީ ފައިނަލުގައި ފްރާންސް އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.

comment ކޮމެންޓް