ޑެޝޯމްޕްސްގެ އެދުމަކީ ފްރާންސްގެ ކުޅުން ފޫހިނަމަ މެޗު ނުބެލުން

ފްރާންސްގެ ކޯޗު، ޑިޑިއޭ ޑިޝޯމްޕްސް: --- ފޮޓޯ/ އޭޕީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސް ފުޓުބޯޅަ ޓީމުގެ ކުޅުން ދަށްނަމަ ނުވަ ކުޅޭގޮތް ފޫހިނަމަ މެޗުތައް ނުބެލުމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފިއެވެ.

މުބާރާތުގައި މިހާތަނަށް ލަނޑު ޖެހުމުގެ ރޭޓު އެންމެ ދަށް ޓީމުތަކުގެ ތެރޭގައި ފްރާންސް ހިމެނެއެވެ. މުބާރާތުގައި ފްރާންސް މިހާތަނަށް ދައްކަމުންދާ ކުޅުމަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

މިރޭ ސްޕެއިން އާއި ދެކޮޅަށް ކުޅޭ ސެމީ ފައިނަލު މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ބުނީ ފްރާންސްގެ ކުޅުން ބަލަން ފޫހިވާނަމަ ނުބަލަން އެދޭކަމަށެވެ. އަދި އެއީ މައްސަލައެއް ނޫންކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ. އަދި މި ދަތި ދަނޑިވަޅުގައިވެސް، ފްރާންސްގެ ރައްޔިތުންނަށް ހިނިތުންވުމަކާއި އުފާވެރިކަން ގެނެވޭނެ ފެންވަރު ޓީމުގައި ހުންނާނެ ކަމަށް ކޯޗު ބުންޏެވެ.

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ފްރާންސްއަށް މިހާތަނަށް މެޗުގެ ކުޅުމުގެ ތެރެއިން ލަނޑެއް ނުޖެހެއެވެ. މިހާތަނަށް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ބައިކޮޅަށް ވަތް ލަނޑެވެ. ދެން ލަނޑެއް ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ ޑެޝޯމްޕްސް ބުނީ ޓީމުގައި އެމްބާޕޭ އަކީ އަދިވެސް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އެމްބާޕޭގެ ހާލަތު ހުރި ގޮތުން މާސްކެއް އަޅައިގެން ކުޅެން ޖެހޭތީ އެ އުނދަގޫ އޭނާއަށް ކުރިމަތިވާ ކަމަށެވެ. އަދި މިރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭގެ ބޭނުން ހިފަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ސްޕެއިންގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ލަމީން ޔަމާލް އާއި ނީކޯ ވިލިއަމްސްއަށް ސަމާލުވާނެ ކަމަށާއި ސްޕެއިން އަކީ މޮޅެތި ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ. މި ޔޫރޯގައި ސައްތައިން ސައްތަ ރެކޯޑަކާއެކު އޮތް ހަމައެކަނި ޓީމަކީ ސްޕެއިންނެވެ.

ފްރާންސް އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.

comment ކޮމެންޓް