އަމާންކަމަށް ކުރާ އިތުބާރު ދެމެހެއްޓުމުން، އިގުތިޞާދު ވަރުގަދަވާނެ: ނައިބު ރައީސް

"ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ގައި ނައިބުރައީސް ވާހަކަ ދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އަމާންކަމާމެދު ދުނިޔެއިންކުރާ އިތުބާރު ދެމެހެއްޓުމަކީ، އެންމެންގެ ޤައުމީ މޮޓޯއެއްކަމުގައި ހަދަންޖެހޭކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި "ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްވްސްގައި ކުރިއަށްދިޔަ މި ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަކިނުފާނު ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވާނީ އިގުތިޞާދު ވަރުގަދަކުރެވި، ތަރައްގީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ޙާސިލްކުރެވުން ކަމުގައެވެ.

އަދި މުޖުތަމައުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ، ދިވެހީންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، ރާއްޖެ މަޝްހޫރުކަން ހޯދީ ޤުދުރަތީ ރީތިކަމާއި، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާއި، ކެތްތެރިކަމާއި، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައި ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ގައި ބައިވެރިވެވަޑައިގަތުން--- ފޮޓޯ/ ރައީސް އޮފީސްނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިއަދު ކުރިއަށްދާ ކޮންފަރެންސްގެ ބޭނުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާ، މުޖުތަމަޢުގެ ބަދަހިކަމާ، ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުން ކަމަށެވެ. އަދި އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަޞައްވުރުކުރުން ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މާދަމާގެ އަމާންކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީ ވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރަނގަޅު ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްޤީކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އިސްލާމްދީނުގެ ސައްހަ މައުލޫމާތު އާންމުންނަށް ދީ، ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށް ވެސް އެމަނިކުފާނު ވަނީ ބާރު އަޅުއްވާފައެވެ.

comment ކޮމެންޓް