މެއި މަހަށްވުރެ، މިދިޔަ މަހު ރިޒާވަށް ކުޑަ ކުރިއެރުމެއް

އެމްއެމްއޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ރަސްމީ ރިޒާވް މިދިޔަ މަހު، އޭގެ ކުރީ މަހާ އަޅައި ބަލާއިރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ. އެއާ އަޅައިބަލާއިރު މެއި މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 492.2 މިލިއަން ޑޮލަރެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު މިދިޔަ މަހު ރިޒާވްގައި ހުރި މިންވަރަކީ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރި މިންވަރު 702.2 މިލިއަން ޑޮލަރެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލުނީ މިދިޔަ އޭޕްރިލް މަހެވެ. އެ މަހުގެ ނިޔަލަށް ރިޒާވްގައި 622.1 މިލިއަން ޑޮލަރު ހުއްޓެވެ.

ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރާއެކު ރިޒާވް ދަށްވުމުން، އަސާސީ މުދާ އެތެރެކުރުމަށް ފައިސާ ނުހުރެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 98 އިންސައްތައިގައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ލޯންތައް އަނބުރާ ނުދެއްކިދާނެ ކަމުގެ އިންޒާރު ބޭރުގެ މާލީ އިދާރާތަކުން ދެމުންއަންނައިރު ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަގާމުތައް މަދުކުރުމާއި އޮފީސްތަކުން ކުރާ ދަތުރުތަކަށް ޓިކެޓު ނެގުމުގެ އުސޫލަށް ބަދަލު ގެނައުން ހިމެނެއެވެ.

comment ކޮމެންޓް