އެމެރިކާގެ ރައީސް ޖޯ ބައިޑެނަށް ނާރުގެ ބައްޔެއް ކަމަށްވާ، ޕާކިންސަންސް ބައްޔަށް ފަރުވާ ނުދޭ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ވައިޓް ހައުސްއިން އެ ގޮތަށް ބުނީ، އެ ބައްޔަށް ޚާއްސަ ޑޮކްޓަރަކު މިދިޔަ އަހަރުގެ މާޗު މަހުން އޮގަސްޓް މަހާ ދެމެދު ގާތްގަޑަކަށް ހަތް ފަހަރު ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވިޒިޓާ ލޮގްތަކުން ދައްކާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެ ކަމާ ގުޅިގެން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖޯން ޕިއޭރާ ވިދާޅުވީ، ޕާކިންސަންސްއަށް ބައިޑެން އެއްވެސް ފަރުވާއެއް ނުހޯއްދަވާ ކަމަށެވެ. އަދި، އެ ބައްޔަށް އެއްވެސް ކަހަލަ ބޭހެއް ވެސް ނުނަންގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮއިޓާސްއިން ހޯދާފައިވާ ވައިޓް ހައުސްގެ ވިޒިޓާ ލޮގްތަކުގެ ރިވިއުއަކުން ދައްކާ ގޮތުން ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖިސްޓެއް އަދި މޫވްމަންޓް ޑިސްއޯޑާސް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ކެނާޑް ވަނީ މިދިޔަ އަހަރުގެ މާޗު މަހާއި އޮގަސްޓު މަހާ ދޭތެރޭގައި އަށް ފަހަރު ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފައެވެ.
ކެނާޑަކީ ވެންޑަބިލްޓް ޔުނިވާސިޓީ މެޑިކަލް ސެންޓަރުގައި ޕާކިންސަންސް ބައްޔަށް ފަރުވާ ދިނުމާ ބެހޭ ގޮތުން ކުރި ދިރާސާތަކެއްގެ މުހިންމު އެއް ލިޔުންތެރިޔާއެވެ.
ކެނާޑް ވަނީ ޖެނުއަރީ މަހުގެ މެދުތެރޭގައި ވައިޓް ހައުސްގެ ފިޒިޝަން ޑރ.ކެވިން އޯކޮނާއާ ބައްދަލުކުރައްވާފައެވެ. ކެނާޑް ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފައިވާކަން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ ހަވަނަ ދުވަހު ދަ ނިއުޔޯކް ޕޯސްޓުންނެވެ.
ނަމަވެސް، ޖޯން ޕިއޭރާ ވަނީ ކެނާޑްގެ ވައިޓް ހައުސްއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފުސީލު ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
އޭނާ ވިދާޅުވީ، ބައިޑެން ނިއުރޯލޮޖިސްޓް ނުވަތަ ނާރުގެ ޑޮކްޓަރަކަށް ދައްކަވާފައިވަނީ އާންމުކޮށް ހަދާ މެޑިކަލް ޗެކްއަޕްގެ ދަށުން ކަމަށެވެ. ވައިޓް ހައުސްގައި ކެނާޑް ޒިޔާރަތްކޮށްފައިވަނީ ކޮން ކަމަކަށްކަން ސީދާކޮށް ވިދާޅުވެފައިނުވާއިރު، އެއީ ވައިޓް ހައުސްގައި މަސައްކަތްކުރާ އަސްކަރީ މުވައްޒަފުންނަށް ފަރުވާ ދިނުމަށް ކުރެއްވި ޒިޔާރަތަކަށްވުން އެކަށީގެންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބައިޑެންގެ ސިއްޚަތާ މެދު މި ފަހުން ކަންބޮޑުވުން ފާޅުކުރީ މިދިޔަ މަހުގެ 27 ގައި އޮތް އެމެރިކާގެ ރިޔާސީ ބަހުސަށް ފަހުއެވެ. ބަހުސްގައި އިދިކޮޅު ލީޑަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވި ބަހުގެ ހަމަލާތަކަށް ބައިޑެނަށް ރަނގަޅަށް ރައްދު ނުދެވި، ހާސްވެ، މަޑުޖެހިފައި ހުރި މަންޒަރު ވަނީ ފެނިފައެވެ.
އަންނަ ނޮވެމްބަރު މަހު ފަސްވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑެނަށް ވާދަކުރެއްވުމުގެ ނަފުސާނީ ކުޅަދާނަކަން ނެތް ކަމަށް ބުނެ ބައިޑެން ނިސްބަތްވެވަޑައިގަންނަވާ އަމިއްލަފުޅު ޕާޓީގެ ބައެއް މެންބަރުން ވެސް އަންނަނީ ފާޑުވިދާޅުވަމުންނެވެ.