ސެމްސަންގްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި، މުޒާހަރާކުރަނީ

ސެމްސަންގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް

ދެކުނު ކޮރެއާގެ އިލެކްޓްރޯނިކްސް ދާއިރާގެ އެންމެ ބޮޑު ކުންފުނި ސެމްސަންގްގެ މުވައްޒަފުން ތިން ދުވަހުގެ މުއްދަތަށް މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި ކަމުގައި ބައިވެރިވާ މުވައްޒަފުން އެދެނީ މުސާރައާއި އިނާޔަތްތައް އިތުރުކޮށްދިނުމަށެވެ.

ނޭޝަނަލް ސެމްސަންގް އިލެކްޓްރޯނިކްސް ޔޫނިއަން (އެންއެސްއީޔޫ)އިން އިންތިޒާމުކޮށްގެން މި މުޒާހަރާ ކުރިއަށްގެންދާއިރު، އެ ޔޫނިއަން ތަމުސީލުކުރަނީ ގާތްގަނޑަކަށް 30،000 މެންބަރުންނެވެ. މިއީ ދެކުނު ކޮރެއާގައި ތިބި ސެމްސަންގްގެ މުވައްޒަފުންގެ ހަތަރުބައިކުޅަ އެއްބައެވެ.

ޔޫނިއަންގެ މުވައްޒަފުން އެދެނީ މުސާރަ ބޮޑުކޮށްދިނުމަށާއި، އަހަރީ ޗުއްޓީގެ އިތުރު އެއް ދުވަސް ދިނުމާއި، މުވައްޒަފުންނަށްދޭ ބޯނަސް ނިޒާމަށް ބަދަލު ގެނައުމަށެވެ. މި ހުއްޓާލުމުގައި ގާތްގަނޑަކަށް 6،540 މުވައްޒަފުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އެއީ، މައިގަނޑު ގޮތެއްގައި އުފެއްދުންތެރިކަމުގެ ދާއިރާއާއި އުފެއްދުންތައް ތަރައްޤީކުރުމުގެ ދާއިރާގެ މުވައްޒަފުންނެވެ.

ނަމަވެސް، ސެމްސަންގުން ބުނެފައިވަނީ މި ހުއްޓާލުމުގެ ސަބަބުން އުފެއްދުންތެރިކަމަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށެވެ. މިއީ މި ޔޫނިއަންގެ ދެވަނަ އިންޑަސްޓްރިއަލް އެކްޝަނެވެ. މީގެ ކުރިން ވޭތުވެދިޔަ މަހު ވެސް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ހުއްޓާލާފައެވެ.

ޔޫނިއަންގެ އިސްވެރިން ބުނާ ގޮތުގައި މި ހުއްޓާލުމުގައި މަދު އަދަދެއްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫނެވެ. އެ މީހުން ބުނާ ގޮތުގައި މިއީ އަދި އާ ޔޫނިއަނަކަށްވުމާ އެކު މެންބަރުންނަށް އެކަށީގެންވާ ތަމުރީނު ދިނުމަށް ވަގުތު ނުލިބުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ޔޫނިއަންގެ މެންބަރުން ނުރުހުން ފާޅުކުރަނީ މިހާރު ޢަމަލުކުރަމުންދާ ބޯނަސް ނިޒާމާ ދޭތެރޭގައެވެ. އެ މީހުން ބުނާ ގޮތުގައި މި ނިޒާމު އެގްޒެކެޓިވުންނާއި އާންމު މުވައްޒަފުންނަށް ތަފާތުކުރެއެވެ.

މި ހުއްޓާލުން އައިސްފައިވަނީ ސެމްސަންގަށް އޭއައި ޗިޕްގެ މާކެޓުގައި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި ހުއްޓާލުމުގެ ސަބަބުން ސެމްސަންގްގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރެއް ކޮށްފައެއްނުވެއެވެ.

comment ކޮމެންޓް