ސާޔާގެ ފުރަތަމަ ޓީޒާ މިއޮތީ

އަންނަ މަހު ނެރުމަށް ތައްޔާރުވާ ބިރުވެރި ފިލްމު "ސާޔާ"ގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ.

ތަފާތު އެކި ޖޯންރާތަކުގެ ފިލްމުތަކުން ފެނުމުގެ އިތުރުން ފިލްމުތައް އުފެއްދުމުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އުފައްދާ މި ބިރުވެރި ފިލްމު އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އުފައްދާ މި ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ވެސް ކުރާނީ އޭނާއެވެ. މި ފިލްމުގެ މުހިއްމު ރޯލަކުން ވެސް ޔޫއްޕެ ފެންނާނެއެވެ. މިހާރު ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ސާޔާގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އިސްމާއިލް ޝަފީއުއެވެ.

ޔޫއްޕެގެ ޕްރޮޑަކްޝަން "ޝައި ޕްރޮޑަކްޝަން" އިން ދާދިފަހުން އާންމުކޮށްފައިވާ ޓީޒާއިން ފިލްމުގެ ތީމަށް ކުޑަކޮށް އަލިއަޅުވާލައެވެ. ފިލްމުގެ ޓީޒާއިން ފެންނަނީ ފިލްމުގައި ތަފާތު އެކި ކަހަލަ ސިއްރުތަކާއި ޓުވިސްޓުތައް ހުންނާނެ ކަމެވެ.

ލޯބީގެ ބިރުވެރި މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގައެވެ.

މި ފިލްމުގައި ޔޫއްޕެގެ އިތުރުން ދެން ފެންނާނީ އައިމިނަތު ރަޝްފާ (އާޝާ)އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި މުހައްމަދު މަނިކު އަދި އަހްމަދު ނިމާލެވެ.

ސާޔާއަކީ ޔޫއްޕެ އުފައްދާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއެކު ވަނީ "ކަޅަކި" ނަމުގައި ވެސް ބިރުވެރި ފިލްމެއް ރިލީޒްކޮށްފައެވެ. އޭގެ އިތުރުން "އެ ދަތުރު"އާއި "ދައުވަތު" ފަދަ ފިލްމުތަކަކީ ވެސް ޔޫއްޕެގެ ބިރުވެރި ފިލްމުތަކެވެ.

އޯގަސްޓު މަހު ކުރީކޮޅު ސާޔާ އަޅުވާއިރު އޯގަސްޓު މަހުގެ 27 ވަނަ ދުވަހު ހުސައިން މުނައްވަރުގެ "ކަމަނާ" ދައްކަން ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކަމަނާއަކީ ހަގީގީ އެކި ކަހަލަ ހާދިސާތަކަށް ބިނާކޮށް ތައްޔާރުކުރާ ޑްރާމާ ފިލްމެކެވެ.

comment ކޮމެންޓް