މިދިޔަ އަހަރުގެ އެންމެ ބޮޑު ފިލްމު "ބާބީ"ގެ ލީޑުން ފެނުނު މާގޯ ރޮބީ ފުރަތަމަ ދަރިއަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ.
ތަފާތު އެކި ރޯލުތައް ކުޅެފައިވާ މާގޯ އާންމުންގެ މެދުގައި އެންމެ މަގުބޫލު ނަމަކަށް ވެފައިވަނީ މިދިޔަ އަހަރު ނެރުނު ބާބީ ފިލްމާ އެކުގައެވެ. މިހާރު އެންމެން ވެސް މާގޯ އާއި ބާބީ އާ ވަކި ކުރަން ވެސް ބޭނުމެއް ނުވެއެވެ.
އެކްޓިންގެ ހުނަރަށް އޮސްކާ ނޯމިނޭޝަން ވެސް ލިބިފައިވާ މާގޯގެ ރިޕްރެޒެންޓެޓިވް ވަނީ މާގޯ މަންމައަކަށް ވާން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ބަހެއް ހާމަކޮށްފައެއް ނުވެއެވެ.
މާގޯ ބަލިވެ އިންކަން އޭނާ ވެސް ހާމަކޮށްފައި ނުވާއިރު އޭނާ އަކީ ސޯޝަލް މީޑިއާގައި އެހާ އެކްޓިވް ތަރިއެއް ނޫނެވެ.
މިއީ މާގޯ އާއި އޭނާގެ ފިރިމީހާ ޓޮމް އެކަލީގެ ފުރަތަމަ ދަރިއެވެ. އެކަމާ ދެމީހުން ވެސް ވަރަށް އުފާވެފައި ތިބި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މާގޯ އާއި ޓޮމް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2013 ވަނަ އަހަރެވެ. ދެމީހުން ދިމާވީ 2013 ވަނަ އަހަރު ޕްރޮޑިއުސް ކުރި ފިލްމު "ސެން ފްރެންކުއާސް"ގެ ސެޓުގެ ތެރެއިންނެވެ. އެ ފިލްމުގެ ރޯލެއްގައި މާގޯ އެކްޓު ކުރިއިރު ޓޮމް މަސައްކަތް ކުރީ ފިލްމުގެ އެސިސްޓެންޓް ޑިރެކްޓަރުގެ ގޮތުގައެވެ.
އެއަށްފަހު ދެމީހުން އެކީ ދިމާވެ ސިއްރުގައި ކައިވެނި ކުރީ އެއްވެސް ބަޔަކަށް އެންގުމެއް ނެތިއެވެ. ދެމީހުން ކައިވެނި ކޮށްގެން އުޅޭކަން އިއުލާނު ކޮށްފައިވަނީ 2016 ވަނަ އަހަރެވެ.
ދެމީހުން އެކުގައި ތަފާތު ގިނަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްފައިވެއެވެ. ޓޮމްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ހުރި އިރު އެ ކުންފުނީގެ ދަށުން އުފެއްދި ބައެއް ފިލްމުތަކުގެ ލީޑުން މާގޯ ވަނީ ފެނިފައެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ބޮޑެތި ފިލްމުތައް ހިމެނެއެވެ. "އައި، ޓޯންޔާ" އާއި "ބާޑްސް އޮފް ޕްރޭ" ފަދަ ފިލްމުތަކަކީ އޭގެތެރެއިން ފާހަގަކޮށްލެވޭ ފިލްމުތަކެވެ.