ޤުރުއާން އަދި ޤުރުއާނާ ގުޅުންހުރި ދާއިރާތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ)އަށް ދީފިއެވެ.
ގުރުއާނާއި ގުރުއާނާ ގުޅުންހުރި ދާއިރާތަކަކީ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްކިއުއޭއިން އާންމު ކުރި އޮންލައިންކޮށް ނުކިޔެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެކެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީން ބުނީ އިސްލާމިކް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ މިނިސްޓްރީން ލިޔުމުން ދީފައިވާކަމަށެވެ.
އެގޮތުން މަޢާނިލް ގުރުއާން އަދި ޢުލޫމުލް ގުރުއާން ފަދަ މާއްދާތައް މިހާރު ވެސް އޮންލައިންކޮށް ކިޔަވައިދެވިދާނެ ކަމަށާއި ތިލާވަ އަދި ހިފްޒު ފަދަ މާއްދާތައް ވަކި އުސޫލެއްގެ މަތިން އޮންލައިންކޮށް ކިޔަވައިދެވިދާނެ ކަމަށް އެމްކިއުއޭއިން ބުނެއެވެ.
މިފަދައިން އޮންލައިންކޮށް މި މާއްދާތައް ކިޔަވައިދިން ނަމަވެސް، އިމްތިހާނުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ އެމްކިއުއޭއިން ވަނީ ބުނެފައެވެ.
ގުރުއާނުގެ ދާއިރާގެ ޕްރޮގްރާމްތައް، އެ ޕްރޮގްރާމެއްގައި ކިޔަވައިދޭ މާއްދާތަކަށް ރިއާޔަތްކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެކަން ފާހަގަކޮށް އެމްކިއުއޭއިން ވަނީ، އޮންލައިންކޮށް ގުރުއާން ކިޔަވައިދިނުމަށް ބޭނުންވާ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާ ކުރުމަށްފަހު އެމްކިއުއޭއަށް ހުށަހަޅަން ހުޅުވާލާފައެވެ.
ގުރުއާން ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެމްކިއުއޭއިން ހުއްދަ ދިނުމުން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.