އެމްޑީޕީގެ ނައިބު ރައީސްކަމަށް ހިސާން އައްޔަންކުރަނީ

ހިސާން ހުސައިން އެމްޑީޕީ ޖަލްސާއެއްގައި: އެމްޑީޕީގެ ނައިބު ރައީސް ކަމަށް އޭނާގެ ނަން ހުށަހަޅާފައި --- ފޮޓޯ/ އެމްޑީޕީ

އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އައްޔަންކުރައްވަން އޭނާގެ ނަން، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ހުށަހަޅުއްވައިފިއެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ހިސާން ނައިބު ރައީސް ކަމަށް އައްޔަންކުރަން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ, ހިސާންއަކީ އެ ޕާޓީއަށާއި، ޕާޓީގެ މެންބަރުންނަށް އިހުލާސްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ މެންބަރެއް ކަމަށާއި އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެމްޑީޕީގެ ލީޑާޝިޕްގައި މި ވަގުތު އަންހެން ބޭފުޅުން މަދުކަމާ އެކު މި ނިންމުމުގައި އެ ކަމަށް ވެސް އަޅުގަނޑު ވިސްނުންބަހައްޓާފައިވާނެއެވެ." ޝާހިދު ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލްގެ އަނބިކަލުން، ހިސާން ވަނީ މީގެ ކުރިން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

އެމްޑީޕީގެ އިސް ލީޑަރުންގެ ލީގަލް ޓީމުގައި ހިމެނިވަޑައިގެންނެވި ހިސާން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވައިފައިވެއެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު، އޭރު ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު ޝިފާޒް ޕާޓީން ވަކިކެވަޑައިގަތުމުންނެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މެންބަރުން އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދީއެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 51،516 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް