މަތިންދާބޯޓު އުފައްދާ އެމެރިކާގެ ބޮއިން ކުންފުނީގެ މައްޗަށް ކޮށްފައިވާ މަކަރާއި ހީލަތުގެ ދައުވާގެ މައްސަލައިގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، 243.6 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވެއްޖެއެވެ.
ބޮއިންގެ މައްޗަށް ދައުވާ ކުރަނީ އެ ކުންފުނިން އުފެއްދި މަތިންދާ ބޯޓުތަކެއް 2018އާއި 2019ގައި ވެއްޓުނު ހާދިސާއާ ގުޅިގެން 2021 ގައި ހެދި ސެޓްލްމަންޓް އެއްބަސްވުމާ ޚިލާފުވެފައިވާތީއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނީ އެ މައްސަލައިގައި ކުށަށް އިއުތިރާފުވެ، ޖޫރިމަނާ ދެއްކުން ނުވަތަ ޝަރީއަތަކަށް ދިޔުމުގެ އިޚްތިޔާރު ބޮއިންއަށް ފެޑެރަލް ޕްރޮސެކިއުޓަރުން މިދިޔަ ހަފުތާގައި ދިން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ބޮއިންގެ ރައްކާތެރިކަމާއި، ފެންވަރު ބަލައި، އުސޫލުތައް ތިން އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާނެ މިނިވަން މޮނިޓަރެއް ކަނޑައަޅައި، ކޮމްޕްލައިންސް އަދި ސޭފްޓީ ޕްރޮގްރާމްތަކަށް މަދުވެގެން 455 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ބުނެފައިވެއެވެ.
ޖަސްޓިސް ޑިޕާޓްމެންޓާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ފިޔަވައި އެ މައްސަލައާ ގުޅޭގޮތުން އިތުރު އެއްޗެއް ބޮއެން އިން ހާމަކޮށްފައެއްނުވެއެވެ.
އާދިއްތަ ދުވަހުގެ ރޭ ކޯޓަށް ހުށަހެޅި މައްސަލައިގައި ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މިމަހުގެ 19ގެ ނިޔަލަށް ލިޔުމުން އިއުތިރާފުވުމުގެ އެއްބަސްވުން ކޯޓަށް ހުށަހެޅޭނެ ކަމަށް ލަފާކުރާ ކަމަށެވެ. ނަމަވެސް ދެ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުގެ ބައެއް މީހުން ވަނީ އެއްބަސްވުން އުވާލަން އެދޭނެ ކަމަށް ބުނެފައެވެ.
ފެޑެރަލް ޕްރޮސެކިއުޓަރުން ތުހުމަތު ކުރި ގޮތުގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނޭޝިއާގައި އަދި ޖެހިގެން އައި އަހަރު އިތިއޮޕިއާގައި ހިނގި ބޯޓު އެކްސިޑެންޓުތަކުގައި ހިމެނޭ ފްލައިޓް ކޮންޓްރޯލް ސިސްޓަމަކާ ބެހޭ ގޮތުން އޮޅުވައިލައިފައިވާ ކަމަށެވެ. އެ ދެ ހާދިސާގައި 346 ފަސިންޖަރުން ވަނީ މަރުވެފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ސެޓްލްމެންޓް އެއްބަސްވުމުގެ ދަށުން ބޮއިން އިން ވަކި ޝަރުތުތަކަކަށް އަމަލުކޮށްފިނަމަ، ކުންފުންޏަށް ދައުވާ ނުކުރާން ޖަސްޓިސް ޑިޕާޓްމަންޓުން އޮތީ ނިންމައިފައެވެ. އެގޮތުން އެ ކުންފުނިން ކޮމްޕްލައިންސް ޕްރެކްޓިސްތައް އޯވަހޯލްކޮށް ގަވާއިދުން ރިޕޯޓްތައް ހުށަހަޅަން ވަނީ އެއްބަސްވެފައެވެ.
އޭރު ބޮއިންގެ މައްޗަށް އެ ހާދިސާއާ ގުޅިގެން ދައުވާ ނުކުރަން ނިންމީ 2.5 ބިލިއަން ޑޮލަރު ދައްކަން އެއްބަސްވުމާ ގުޅިގެންނެވެ. ނަމަވެސް ބޮއިންއިން ޝަރުތުތަކާ ޚިލާފުވެފައިވާ ކަމަށް މިދިޔަ މަހު ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.