ސޫރިއާގެ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަމުން އަންނަ ކަމަށް އެމެރިކާއިން ބުނެފި

އުރުދުންގެ އަޤަބާގެ ކިންގް ހުސެއިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ސޫރިއާގެ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކާފައިވާ ކަމަށް ބްލިންކެން ވަނީ ވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ، ސޫރިއާގެ ވެރިކަން ބަދަލުކޮށް ގައުމުގެ ކޮންޓްރޯލް ހޯދި ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް)އާ ގުޅި ވާހަކަތައް ދެކެވެން ފަށާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

"އަހަރެމެން ވާނީ އެޗްޓީއެސް އާއި އެހެން ޕާޓީތަކާ ވެސް ގުޅުން ބާއްވާފައި." އުރުދުންގެ ރަތް ކަނޑުގެ ރިސޯޓް އަޤަބާގައި ސޫރިއާއާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވިއެވެ. ނަމަވެސް އެ ފަރާތްތަކާ ގުޅުމުގެ އިތުރު ތަފުސީލެއް ނުދެއްވައެވެ.

އެޗްޓީސީއާ ވާހަކަދައްކުމުގެ އެއް މަގުސަދަކީ ސޫރިއާގެ އަނިޔާވެރި ދާޚިލީ ހަނގުރާމަ ފެށި ފަހުން، 2012ވަނަ އަހަރު ރަހީނުކުރި އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސް ހޯދުން ކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޗްޓީއެސްއާއެކު ކުރި މަޝްވަރާގައި އެމެރިކާއިން ވެސް ސޫރިއާއާ ބެހޭ ގޮތުން އާންމުކޮށް ކަނޑައަޅާފައިވާ އުސޫލުތައް ހިއްސާ ކުރި ކަމަށެވެ.

ބްލިންކެން މިހާރު އަންނަނީ މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އަޤަބާގައި ބްލިންކެން ވަނީ އަރަބި އަދި ޔޫރަޕްގެ އިސް އޮފިޝަލުންގެ އިތުރުން ސޫރިއާގައި އިދިކޮޅު ޖަމާއަތްތަކަށް ތާއިދުކުރާ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އާއި އިސް އޮފިޝަލުންނާ ވެސް ބަދަލުކުރައްވާފައެވެ.

އެމެރިކާ އާއި ހުޅަނގުގެ އެހެން ސަރުކާރުތަކުން އެޗްޓީއެސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކުރަނީ އަލްގައިދާގެ ސީރިއާ ގޮފިން އުފެދިފައިވާ ޖަމާއަތެއްކަމުގައިވާތީއެވެ.

މިދިޔަ ހަފުތާ ބަންދުގައި ވެރިކަން އަތުލައިގަތް ފަހުން އިދިކޮޅު ލީޑަރު އަބޫ މުހައްމަދު އަލް ޖޮލާނީ ވަނީ ސޫރިއާގައި ފުޅާ ދާއިރާއެއްގައި ސުލްހަ ގާއިމްކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ބައްޝާރުގެ ވެރިކަން ވެއްޓުނު ދަނޑިވަޅުގެ ފައިދާ ނަގައި، އައިއެސްގެ ހަނގުރާމަވެރިން ސޫރިޔާއަށް އަތްގަދަކުރަން ފުރުސަތު ނުދޭނެ ކަމަށް ވެސް ބްލިންކެން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް