ޣައްޒާގެ ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީ ދެ މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން މީގެކުރިން ޝަހީދުކޮށްލާފައިވާ ނޫސްވެރިންގެ ޖަނާޒާ. ފޮޓޯ/އަނަދޮލް އޭޖެންސީ

އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލް ކައިރީގައި ހުރި ނޫސްވެރިން ދިރިއުޅޭ ޓެންޓަކަށް ހަމަލާދީ ދެ މީހުން ޝަހީދުކޮށްލައިފިއެވެ.

އެ ހަމަލާގައި އިތުރު ހަތް މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

ނޫސްވެރިން ތިބި ޓެންޓަށް ހަމަލާދީފައި ވަނީ ރޭ ފަތިހުން ފެށިގެން ހަމަލާތައް ވަރުގަދަކޮށް، 50 މީހުން ޝަހީދުކޮށްލުމަށްފަހުގައެވެ. މެދުތެރޭ ދީރް އަލް ބަލާހުގެ ފަސް އަވަށެއް ހުސްކުރަން ވެސް އިސްރާއީލުން ވަނީ އަމުރުކޮށްފައެވެ.

ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރާއި ޤުދުސް ނިއުސް ނެޓްވޯކުން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ޝަހީދުކޮށްލާފައި ވަނީ ހަމަލާދިން ސަރަހައްދުގައި އެ ވަގުތު ހުރި ޔޫސުފް އަލް ޚަޒަންދަރު ކިޔާ ޒުވާނަކާއި ނޫސްވެރިޔާ ހެލްމީ އަލް ފަޤާވީއެވެ.

އިސްރާއީލުގެ އެ ހަމަލާ ފަލަސްތީނުގެ ނޫސްވެރިންގެ ފޯރަމުން ވަނީ ކުށްވެރިކޮށްފިއެވެ.

އެ ފޯރަމުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އެ ހަމަލާއަކީ "ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފު ނޫސްވެރިންނަށް ގަސްތުގައި އަމާޒުކޮށްގެން ހިންގި ބޮޑު ޖަރީމާއެއް،" ކަމަށެވެ.

އިސްރާއީލު ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު އެމެރިކާ ކުޑް ކުއްޖެއްގެ ގަޔަށް ވެސް ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ގާތްގަނޑަކަށް 50،695 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ. އެ ހަމަލާތަކުގައި 115،338 މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެއިތުރުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ހާސް ބަޔަކު ތިބޭނެ ކަމަށާއި، އެހެންވެ ޝަހީދުވި މީހުންގެ އަދަދު މިހާރު 60،000 އަށްވުރެ މަތިވާނެ ކަމަށް ލަފާކުރާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް