އެމްއެމްޕީއާރުސީން ވައްކަން ކުރި މީހުން ހޯދާ އެ ފައިސާ ހޯދާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަން ކުރި މީހުން ހޯދާ އެ ފައިސާ ހޯދައިދެއްވާނެ ކަމަށް --- ފޮޓޯ/ ޕީއެންސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވައްކަން ކުރި މީހުން ހޯދައި، އެ ފައިސާ ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި، އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ދޭންޖެހޭ ހައްގު އަދަބުދީ، އެ އެސެޓްތައް ރިކަވާ ކުރެވެން ޖެހޭ ކަމަށެވެ.

އެގޮތަށް ޚިޔާނާތުގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދައިދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީއަށް ގާނޫނެއް ހެދުމަށް ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މިހާރު ހުރި ގާނޫނުތަކުން އެކަން ނުކުރެވޭ ބޭނުންވާ ގޮތަކަށް އެފިޝިއެންޓް ކޮށެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެކުރިން ވަގަށް ނެގި ފައިސާތަކެއް: އެމްއެމްޕީއާރުސީގެ ވައްކަން ކުރި މީހުން ހޯދާ އެ ފައިސާ ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި--ފޮޓޯ/ ފުލުހުން

އެހެންވެ، ދައުލަތުގެ މުދާ ނަހަމަ ގޮތުގައާއި ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދާފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާ ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭން ބޭރުގައި ރައްކާ ކޮށްފައި ހުރި ރައްޔިތުންގެ ފައިސާ ވެސް ހޯދުމުގައި މިހާރަށް ވުރެ ކާމިޔާބު ހޯދޭނެ ގޮތަކަށް އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ، އެހެން ގައުމުތަކުގައި މިކަން ކުރާ އިންޓަނޭޝަނަލް ބޮޑީތަކުގެ ރިކޮމެންޑޭޝަންތައް ބަލައި، އެއާ އެއްގޮތަށް މި ބިލު ތައްޔާރު ކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަން ކުރި މީހުން ހޯދާ އެ ފައިސާ ހޯދައިދެއްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން، އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދައިދެއްވަން ކަމަށާ އޭގެތެރެއިން އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވިވެ.

އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެމީހަކަށް ދޭންޖެހޭ ހައްގު އަދަބުދީ، އެ ފައިސާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކޮރަޕްޝަން އަކީ އަބަދު ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކަމެއް ގޮތުގައި އޮތް އޮތުމަށް ބަދަލު ގެންނާނެ ކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި އެކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށެވެ. ނަމަވެސް. މިދިޔަ ސަރުކާރުން ވަނީ އެ ދެބޭފުޅުންނަށް މާފުދީފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވެސް ހުކުމް ކުރިއެވެ. ނަމަވެސް، އެމަނިކުފާނުގެ ހުކުމްތައް ވަނީ ބާތިލްކޮށް އަލުން ބަލަން އަންގާފައެވެ.

comment ކޮމެންޓް