ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަކިކުރީ ވަޒީފާއަށް ފަރުވާ ކުޑަ މުވައްޒަފުން ކަމަށާ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އަމަލު ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ.
ޅ. ފެލިވަރުގައި މިފްކޯއިން ހިންގަމުންދާ މަަސް ފެކްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކި ކޮށްފައިވާ ކަމުގެ ލިޔުންތައް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
މިކަމާއި ގުޅިގެން މިފްކޯގެ ޕީއާރް މެނޭޖަރު އަހުމަދު ނަވާޒް ރަޝީދު 'ސަން'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައި ތިބީ ކުއްޑޫގެ މުވައްޒަފުން އެކަނި ކަމަށެވެ. މިގޮތުން، އެ ކުންފުނީގެ ވަޒީފާއިން އެ މުވައްޒަފުންތައް ވަކިކުރީ އެ މީހުން ވަޒީފާގެ މާހައުލުގައި އަމަލު ކުރަންޖެހޭ ޑިސިޕްލިންއާއި ހާޒީރީގެ މައްސަލަތަކެއް ދިމާވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެތެރޭގައި ފަސް ދުވަހު ޖެހިޖެހިގެން ހާޒިރުނުވެ ނުވަތަ ފަނަރަ ދުވަސް ޖެހިޖެހިގެން ހާޒިރުނުވެ، އެއްވެސް ކަހަލަ އަޕްޑޭޓެއް ނުވަތަ ސަބަބެއް ބަޔާން ނުކޮށް މިކަހަލަ ބައިވަރު އިޝޫސްތަކެއް ދިމާވެގެން (މުވައްޒަފުން ވަކި ކުރީ). އޮންނާނެ ކޮންމެ ކަމަކަށް ވެސް ކަނޑައަޅާފައި އޮންނަ ވަގުތެއް" ނަވާޒް ވިދާޅުވިއެވެ.
މީގެއިތުރުން، މަސައްކަތަށް ހާޒިރު ނުވެވޭނަމަ، އެ ސަބަބެއް ރިޕޯޓްކުރަން ޖެހޭ ފަރަތާކަށް އެންގެނޭ ބައިވަރު ގޮތްތައް އޮތްކަން ފާހަގަކޮށް ނަވާޒް ވިދާޅުވީ، އެ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ވަޒީފާއިން ކަނޑާލީ، އޭގެތެރެއިން އެއްވެސް ކަމަކަށް ފިޓް ނުވާ ކަމަށް ރިކޯޑްތަކުން ފެންނަ މީހުން ކަމަށެވެ.
ކުންފުނީގެ ގަވާއިދުތަކާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކުރެވޭ މީހުންނާ ދޭތެރޭ ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރެވޭނެ ކަންތައް ކުރުމަށް ވެސް ސަރުކާރުން އަންގާފައި ވާކަމަށެވެ.
އޭނާ ވިދާޅުވީ، ވަޒީފާއިން ވަކިކުރި މީހުންގެ ޖުމްލަ އަދަދު އެނގޭނީ އެ ޕްރޮގްރާމް ނިމުމުން ކަމަށެވެ.