ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)ގެ ދަށުން ހިންގަމުން އަންނަ އެސްއެމްއީ ހަބު ހިންގާ އިމާރާތުގައި ފައިނޭންޝަލް އޮޓޯރިޓީއާއި ޑިވެލޮޕްމަންޓް ބޭންކު ހުޅުވަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު "ސަން"އަށް ވިދާޅުވީ އެ ދެ އިދާރާ އެސްއެމްއީ ހަބް ހިންގާ އިމާރާތަށް ބަދަލުކުރަން ނިންމި ނަމަވެސް، އެ ތަނުން ހުސްކުރާނީ ބީސީސީން ހިންގާ ދެ ފްލޯއެއްކަމަށެވެ.
އެއީ އެންމެ ތިރީގައި ހިންގާ ތަނާއި، އެންމެ މަތީގައި ހިންގާ ގޭމިންއާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހުރި ފްލޯއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރެކޭ އެއްގޮތަށް ދެވަނަ ފްލޯގައި ހިންގާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
"އެހެން ތަންތަނަކީ ކުދި ވިޔަފާރިތަކަށް މަންފާވާ ތަންތަނެއް ނޫން. އޭގެން ކުލި ނެގޭ ތަންތަނަކީ ބީސީސީއަށް މަންފާވާ ތަންތަން. އެހެންވީމާ އެންމެ މައްޗާ ތިރި ނޫނީ، މެދު ފްލޯގައި ތިބި ވެންޑަރުން ތިބޭނެ،" އޭނާ ވިދާޅުވިއެވެ.
ޒިޔާއު ވިދާޅުވީ އެސްއެމްއީ ހަބު ހިންގަނީ އަމިއްލަ އިމާރާތެއްގައި ކަމަށެވެ. ކިއޮސްކުތައް ދޫކޮށްފައިހުރީ ކުޑަ އަގެއްގައި ކަމަށެވެ. އެހެންކަމުން އާމްދަނީ ދެކޮޅު ނުޖެހުމާއެކު ކުޑަ އަގެއްގައި ތަން ހިންގަން ރާވަމުން އަންނަކަމަށެވެ.
ޑިވެލޮޕްމަންޓު ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދާނެ ކުންފުންޏެއް ކަމަށެވެ.
އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
ފައިނޭންޝަލް އޮތޯރިޓީއާއި މި އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން ހިމެނެއެވެެ.
އަދި ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމު ކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން ހިމެނެއެވެ.