ރަންބީރު ދުޅަހެޔޮކޮށް ހުންނަނީ މިހެންވެ

އެކްޓަރު ރަންބީރު ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ތަރިންނަކީ އެ މީހުންގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވަރަށް ގިނަގުނަ މަސައްކަތްކޮށް އެތަކެއް ޤުރުބާނީތަކެއްވާ ބައެކެވެ.

ކުރިން އެނގިފައި އޮންނަ ގޮތުން ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ ބޮޑު ސަމާލުކަންދޭ ބަޔަކީ ފިލްމީ ބަތަލާއިންނެވެ. އެހެންނަމަވެސް ބަތަލާއިންނާ އެއްވަރަށް ފިލްމު ކުޅޭ ބަތަލުން ވެސް އެ މީހުންގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރާ މަސައްކަތްތައް މަދެއް ނޫނެވެ.

މިދިޔަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "އެނިމަލް"އިން އެކްޓަރު ރަންބީރު ކަޕޫރު ބައެއް މަންޒަރުތަކުގައި ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެފައި ހުއްޓާ ފެނުނުއިރު ދެން ފެންނަނީ ބަރުދަން ލުއިކޮށް އަނެއްކާ ވެސް ވަރަށް ވަރުގަދަ ބަދަލެއް ހަށިގަނޑަށް ގެނެސްފައި ހުއްޓައެވެ.

ރަންބީރު ކަޕޫރު އެކްޓަރުގެ ޓްރެއިނަ ސެލެބްރިޓީ ފިޓްނަސް ކޯޗު ޝިވޯހަމްއާ އެކު--ފޮޓޯ/ފިލްމުފެއަ

މިއިން ކޮންމެ ފިލްމީ ތަރިއެއް ވެސް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު އެ މީހުންނަށް އެހީތެރިވުމުގައި ތިބެއެވެ. ރަންބީރު ކަޕޫރަކީ އޭނާގެ ކަސްރަތު ކްލާސްތަކަށް ގަވައިދުން ހާޒިރުވާ ވަގުތަށް ކަމޭހިތާ އެހާމެ ފަރުވާތެރިކަމާ އެކު އެކްޓަރަށް ޚާއްސަކުރެވިފައިވާ ތަމުރީނުތައް ކުރުމަށް ސަމާލުކަންދޭ އެކްޓަރެއްގެ ގޮތުގައި ރަންބީރުގެ ޓްރެއިނަރު ވަނީ ފާހަގަކޮށްފައެވެ.

ސެލެބްރިޓީ ފިޓްނަސް ކޯޗު ޝިވޯހަމް ބުނި ގޮތުގައި ފިލްމު "އެނިމަލް"އަށް 10 ނުވަތަ 12 ކިލޯގެ ބަރުދަން ހަށިގަނޑަށް އިތުރުކުރުން ރަންބީރަށްވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. އެ ކަމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ނެގިއެވެ.

ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގައި ރަންބީރު ފެނުނީ ވަރަށް ޒުވާން ހަށިގަނޑެއްގެ ހުރި މީހެއްގެ ރޯލުންނެވެ. އޭރު އެކްޓަރު ހުރި ބަރުދަނުން "އެނިމަލް"ގެ ރޯލަށް ތައްޔާރުކުރުން ފަސޭހަ ނުވިއިރު އެކަން ކާމިޔާބުކުރެވުނީ ރަންބީރު އެކަމަށް ބެހެއްޓި ފަރުވާތެރިކަމުގެ ސަބަބުން ކަމަށް އެކްޓަރުގެ ކޯޗު ވަނީ ބުނެފައެވެ.

ރަންބީރު އަންނަނީ ފިލްމު "އެނިމަލް"ގެ ދެވަނަ ބައިގައި އޭނާ ކުޅޭ ރޯލަށް ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ހާއްސަ ތަމުރީނުތަކެއް ދާދިފަހުން ފަށާފައިވާއިރު މި ތަމުރީނުތައް ދިނުމުގެ ޒިންމާ ވެސް ނަގާފައިވަނީ ކޯޗު ޝިވޯހަމްއެވެ.

comment ކޮމެންޓް