ޕެނަލްޓީގެ ނަސީބުން ސްވިޒަލެންޑު ބަލިކޮށް އިންގްލެންޑުން ސެމީއަށް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް އިންގްލެންޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑުސެލްޑޯފް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ. އެހެންކަމުން ޕެނަލްޓީގައި ސްވިޒަލެންޑުގެ މައްޗަށް އިންގްލެންޑް ކުރި ހޯދާފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ.

މެޗަށް އިންގްލެންޑް ނުކުތީ ފަހަތަށް ބަދަލެއް ގެނެސްގެންނެވެ. ކާޑު ހަމަވުމާ ގުޅިގެން ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު މާކް ގުއޭގެ ބަދަލުގައި ފުރަތަމަ އެޒްރީ ކޮންސާއެވެ. މެޗުގެ ކުރީކޮޅު އިންގްލެންޑަށް ޕްރެޝަރާ ކުރިމަތިލާން ޖެހުނެވެ.

ސްވިޒަލެންޑުން އިންގްލެންޑްގެ ފަހަތުން ބާރު ބޮޑުކުރިއިރު، ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ސްވިޒަލެންޑުންނެވެ. އެގޮތުން މެޗުގެ 75 ވަނަ މިނިޓްގައި މި ލަނޑު ސްވިޒަލެންޑަށް ކާމިޔާބުކޮށްދިނީ އެމްބޯލޯއެވެ. މިއީ ގޯލް އޭރިޔާ ތެރެއަށް ޑަން އެންޑޯޔޭ ނަގައިދިން ބޯޅަ، ވެއްޓިގަތުމަށްފަހު އެމްބޯލޯ ފޮނުވާލި ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން ސަކާ ފޮނުވާލި ބާރު ބޯޅަ ތިރިތިރިން ގޮސް ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އިންގްލެންޑުން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރި އެވެ. ސްވިޒަލެންޑަށް ނާކާމިޔާބުވީ ޑިފެންޑަރު އަކަންޖީ ޖެހި އެޓީމްގެ ފުރަތަމަ ޕެނަލްޓީއެވެ.

އޭނާ މަޑުމަޑުން ޖެހި ޕެނަލްޓީ ކީޕަރު ޕިކްފޯޑް ފަސޭހައިން މަތަކުރިއެވެ. އިންގްލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ކޯލް ޕާމާ، ބެލިންގހަމް، ސަކާ، ޓޯނީ އަދި އެލެގްޒެންޑަރ އާނޯލްޑެވެ. ސްވިޒަރލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ފައިބަން ޝާ، ޝަޤީރީ، އަދި ޒެކީ އަމްޑޯނޯއެވެ.

ސެމީ ފައިނަލްގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ނެދަލެންޑްސް ނުވަތަ ތުރުކީއާއެވެ.

comment ކޮމެންޓް